English Edition
Dhivehi Edition
އެމްއޯޔޫގައި ސޮއިކުރުމަށް ފަހު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ވ) އާއި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް. --ފޮޓޯ; އެފްއޭއެމް

އަންނަ މެއި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތަކާއި ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ބާކީ އޮތް ބައިގެ މެޑިކަލް ޕާޓްނަރަކަށް އޭޑީކޭ ހޮސްޕިޓަލް ހަމަޖައްސައިފިއެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު އޭޑީކޭ އިން މި އެއްބަސްވުމުގައި ސޮއިކުރީ އިއްޔެގެ ވަގުތެއްގައެވެ.

އެފްއޭއެމްގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް އެވެ. އަދި އޭޑީކޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް އެވެ.

މި އެއްބަސްވުމާ ބެހޭގޮތުން އެފްއޭއެމުން ބުނީ ރާއްޖޭގައި ކުޅޭ އޭއެފްސީ ކަޕްގެ މެޗުތަކުގެ އިތުރުން މި ފަހަރުގެ ސީޒަނުގައި ބާކީ އޮތް ބައިގައި ކުޅެވިގެންދާ ހުރިހާ މެޗެއްގައި ވެސް އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

އަންނަ މަހުގެ 14 އިން 21 އަށް މާލޭގައި ކުރިއަށްދާ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން މިހާތަނަށްއައިއިރު ރާއްޖޭން ފުރުޞަތު ހޯދާފައިވަނީ މާޒިޔާ އެވެ. ދެން މި ގްރޫޕުގައި އޮތް ޓީމުތަކަކީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ އޭޓީކޭ މޯހަން ބާގަން އެވެ. މި ގްރޫޕުގެ ފަހު ޖާގަ ލިބޭނީ ކޮލިފައިން ބުރުން ކުރިހޯދާ ޓީމަކަށެވެ.

މި ފަހަރުގެ ކޮލިފައިންގެ ފުރަތަމަ ބުރުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އީގަލްސް އާއި ބޫޓާންގެ ތިމްޕޫ ސިޓީގެ އިތުރުން ނޭޕާލްގެ އާމީ ކްލަބް އަދި ސްރީލަންކާގެ ޕޮލިހެވެ. ކޮލިފައިން ފުރަތަމަ ބުރުން މޮޅުވާ ޓީމުތައް ކޮލިފައިންގެ ދެވަނަ ބުރުގައި ނިކުންނާނީ އިންޑިއާގެ ބެންގަލޫރާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނީ ކޮލިފައިން ބުރު ކާމިޔާބުކޮށް ޕްލޭއޮފުން މޮޅުވާ ޓީމަކަށެވެ.

މި މުބާރާތުގެ ކޮލިފައިންގައި މާދަމާ ކުޅޭ މެޗުގައި ރާއްޖޭގެ އީގަލްސް ނިކުންނާނީ ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން 16:00 ގައެވެ.