English Edition
Dhivehi Edition
ނަފްސާނީ ބަލީގެ ހާއްސަ ތަމްރީނުތަކަކާއެކު އޭޑީކޭގެ ފުރަތަމަ އިންޓާންޝިޕް ބެޗު

އޭޑީކޭ ހޮސްޕިޓަލުގެ ޝަފީއާ އިންސްޓިޓިއުޓް އޮފް ހެލްތް (އެސްއައިއެޗް) އިން ހިންގި ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް، ނަފްސާނީ ބަލިތަކަށް ހާއްސަ ތަމްރީނުތަކަކާ އެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ ބޭސްފަރުވާގެ ދާއިރާއިން ޑޮކްޓަރުން ބިނާކުރުމަށް އެ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

މި ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ހޮސްޕިޓަލުގެ މައިގަނޑު ކްލިނިކަލް ދާއިރާތަކުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން ވެސް އިންޓާނުންނަށް ފުޅާ ދާއިރާއެއްގައި ތަޖުރިބާ ލިބޭނެ ގޮތަށެވެ. އެގޮތުން “ސައިކޭޓްރީ ޕޯސްޓިން” ގެ ދަށުން އިންޓާނުން ވަނީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކޮށް، އެތަނުގެ ހިދުމަތްތައް އަމަލީ ގޮތުން ތަޖުރިބާކޮށްފައެވެ.

ޖުމްލަ 52 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 18 ދަރިވަރަކު ބައިވެރިވިއެވެ. މީގެ ތެރޭގައި ހިމެނެނީ މެލޭޝިއާ، ޗައިނާ، ބެލަރޫސް، ފިލިޕީންސް، ޖޯޖިއާ، ޔޫކްރެއިން އަދި ރަޝިއާ ފަދަ ގައުމުތަކުން މެޑިސިން ކިޔަވައިގެން އައި ދަރިވަރުންނެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ ޖެނުއަރީ 16 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ހޮސްޕިޓަލްތެރޭގައި ދެވޭ ތަމްރީނުތަކުގެ އިތުރުން، މުޖުތަމައުއަށް ނުކުމެ ހިދުމަތް ދިނުމުގެ ހުނަރު ދަސްކޮށްދިނުމަށް ވެސް މި ޕްރޮގްރާމްގައި ވަނީ އިސްކަންދީފައެވެ. އެގޮތުން ބ. އަތޮޅާއި ރ. އަތޮޅަށް އަމާޒުކޮށްގެން ދެ ހަފުތާގެ މުއްދަތަށް “ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމެއް” ހިންގައި، އާންމު ސިއްހަތާ ގުޅުންހުރި ކަންކަމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

އޭޑީކޭއިން ބުނި ގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ އަމިއްލައަށް ސިއްހީ ހިދުމަތް ދިނުމުގެ ފެންވަރު އިންޓާނުންގެ ކިބައިގައި ހުރިކަން ކަށަވަރު ކުރުމެވެ. ތަމްރީނު ފުރިހަމަކުރި ހުރިހާ ބައިވެރިންނަށް މިހާރު ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

ޓެގު