English Edition
Dhivehi Edition

އެޕްރީލްމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މަރަދޫފޭދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް އައިޝަތު ޝީޒާގެ ކެމްޕެއިނަށް އެމްޑީޕީއިން ހުރަސް އަޅަމުން އަންނަކަމަށް ޝީޒާ ބުނެފިއެވެ.

‘އޭއޯ ނިއުސް’ އަށް މައުލޫމާތު ދެމުން ޝީޒާ ބުނީ އެމްޑީޕީ އިން އޭނާގެ ކެމްޕެއިނަށް ވަރަށް ބޮޑަށް ހުރަސް އަޅަމުން އަންނަކަމަށެވެ. މި ގޮތުން އޭނާގެ ކެމްޕެއިން ޕޯސްޓަރުތަކުގައި ބޭނުންކުރަމުންދާ ކުލައަކީ އެމްޑީޕީގެ ކުލަކަމަށް ބުނެ އެ މައްސަލަ އިލެކްޝަން ކޮމިޝަނަށްވެސް ހުށަހަޅާފައިވާކަމަށް ޝީޒާ ވަނީ ބުނެފައެވެ. އިތުރަށް ޝީޒާ ބުނީ އެމްޑީޕީން އިލެކްޝަނަށް މައްސަލަ ހުށަހެޅުމާއި ގުޅިގެން އެ ކޮމިޝަނުން އޭނާއަށް ސިޓީ އެއް ފޮނުވާފައިވާ ކަމަށެވެ.

އީސީން، ޝީޒާއަށް ފޮނުވި ސިޓީގެ ކޮޕީއެއް އޭއޯ ނިއުސް އަށް ލިބިފައިވާއިރު އެ ސިޓީގައި ބުނެފައިވަނީ، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް ޝީޒާ، އެމްޑީޕީގެ ކެންޑިޑޭޓަށް ދެއްކުމަށްޓަކައި އެ ޕާޓީގެ ކުލަ ބޭނުންކޮށް ޕޯސްޓަރުފަދަ ތަކެތި ހަދައި ކެމްޕެއިންގައި ބޭނުންކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވުމަށް ގައުމީ އިލެކްޝަން ކޮމްޕްލެއިންޓްސް ބިއުރޯ އަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލަ އެ ބިއުރޯ އިން ތަހުޤީގުކުރި ކުރުމުގައި ޝީޒާގެ ކެމްޕެއިނަށް ބޭނުންކުރާ ކުލައަކީ އެމްޑީޕީން ރަޖިސްޓްރީކޮށްފައިވާ ކުލައާއި ވަރަށް އެއް ގޮތް ކުލައެއްކަން އެ ބިއުރޯއަށް ފާހަގަކުރެވިފައިވާކަމަށްވެސް މި ސިޓީގައި ވަނީ ބުނެފައެވެ. އެހެންކަމުން އެ ކުލަ އަމިއްލަ ކެންޑިޑޭޓްގެ ކެމްޕެއިންގައި ބޭނުންކުރުމަކީ ރައްޔިތުންގެ މެދުގައި ހަގީގަތް އޮޅި އެ ޕާޓީއަށް ނިސްބަތްނުވާ ކެންޑިޑޭޓަކަށް ނާޖައިޒް މަންފާތަކެއް ލިބި، އެކަމުގެ ސަބަބުން އިންތިހާބަށް ނަޖައިޒު އަސަރުތަކެއް ކުރާނެކަމެއްކަމުގައި އެ ސިޓީގައިވަނީ ބުނެފައެވެ. އަދި އެކަމަކީ އެ ޕާޓީގެ ހައްޤުތައް ގެއްލި އާންމު މަސްލަހަތަށް ބުރުއަރާނެކަމެއްކަމުގައި އެ ސިޓީގައި ވަނީ ބުނެފައެވެ.

މި މައްސަލަ ބެލުމަށް ފަހު އީސީންވަނީ ޝީޒާގެ ކެމްޕެއިންގައި ބޭނުންކުރުމަށް އެކި ހިސާބުތަކުގައި ހިއްޕާފައިވާ އަދި ބަހައްޓާފައިވާ މިފަދަ ޕޯސްޓަރުތައް މިއަދު އިރުއޮއްސި 6 ޖެހުމުގެ ކުރިން ނެގުމަށް އަންގާފައެވެ. އަދި އެއްވެސް ސިޔާސީ ޕާޓިއެއް ރަމްޒުކޮށްދޭ ކުލައެއް ނުވަތަ ރަމްޒެއް ބޭނުންކޮށް ޕޯސްޓަރުތައް ހަދައި ކެމްޕެއިންގައި ބޭނުން ނުކުރުމަށް ވަނީ އިލްތިމާޒުކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ޝީޒާ ބުނީ އެމްޑީޕީގެ ކުލައަކީ ރަންރީދޫ ކުލަކަމަށް އެ ޕާޓީގެ ގަވައިދުގައި ބުނެފައިވާކަމަށާއި އެ ކުލައަކީ ޕެންޓޯން ނަންބަރަކީ DS5-1Cކަމަށެވެ. އަދި އޭނާ ކެމްޕެއިންގައި އެމްޑީޕީގެ ކުލަ އަދި މި ކުލަ ކޯޑްގެ އިތުރުން އެ ޕާޓީ އާއި ގުޅުން ހުރި އެއްވެސް އެއްޗެއް ބޭނުންކުރަމުން ނުދާ ކަމަށާއި މިފަދަ އެންގުމަށް އީސީން އެންގުމުން ހިތާމަކުރާކަަމަށެވެ.

ކައުންސިލް އިންތިޚާބަށް އައްޑޫ ސިޓީގެ މަރަދޫފޭދޫ އަދި މީދޫ ދާއިރާ ވަކިކޮށް ކޮންމެ ދާއިރާއަކަށް ވަކި ކައުންސިލް ގޮނޑިއެއް ދިނުމަށް ހަމަޖެއްސިއިރު މި ދެ ގޮނޑިއަކީވެސް އަންހެނުންނަށް ހާއްސަ ދެ ގޮނޑިއެކެވެ.

 

 

ޓެގު