ޖަރާސީމުގެ އަސަރުކޮށްފައިވާ ޗީޒްތަކެއްރާއްޖެއަށް އެތެރެވެފައިވާތީ އެކަމަށް ސަމާލުވުމަށް އަންގައިފިއެވެ. މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީންވަނީ ލިސްޓީރިއާ މޮނޯސައިޓޯޖީންސް ޖަރާސީމުން ތަޣައްޔަރުވެފައިވާ ކަމަށް ބެލެވޭ ޗީޒްތަކެއް ރާއްޖެ އެތެރެވެފައިވާތީ އެކަން ސަމާލުކަމަށް ގެނެސްފައެވެ.
މޮނޯސައިޓޯޖީންސް ޖަރާސީމުގެ އަސަރު ހުރުމުގެ ފުރުޞަތު އޮތް ޗީޒްގެ ބެޗެއް ރާއްޖެ އެތެރެކޮށްފައިވަނީ ފަރަންސޭސި ވިލާތުންނެވެ. އެކަން ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސަމާލުކަމަށް ގެނައީ، ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް އިން ކަމަށް، އެ އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ. އެ އެލާޓާ ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރި ކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ފުޑްއެންޑް ޑްރަގް އޮތޯރިޓީން ދަނީ ކުރަމުންނެވެ. އެއޮތޯރިޓީން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މިބެޗްގެ ޗީޒް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާފައެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ނަމްބަރ: 3014361 އަދި 7603204 އަށް ގުޅުމަށް އެދިފައެވެ.
ނޮސް ރީޖަން އޮން ޑު ޓެލެންޓް ( Nos Régions ont du Talent ) މަރުކާގެ 220 ގްރާމްގެ ޗީޒް ސަޕްލަޔަރަކީ، ސްކެމާކް(SCAMARK ) އެވެ. މިހިނގާ އޭޕްރީލް މަހުގެ 04 ގައި މުއްދަތު ހަމަވާ މި ޗީޒްގެ ބާކޯޑު ނަންބަރަކީ 3564709006031 އެވެ
ލިސްޓީރިއާ މޮނޯސައިޓޯޖީންސް’ ޖަރާސީމަކީ ފްރިޖް ކޮށްފައި ހުންނަ ތައްޔާރީ ކާނާއާއި،ޕޯލްޓްރީ އަދި ސީފުޑާއި ކިރާއި ކިރުން އުފައްދާ ބާވަތްތަކުން ފެންނަ ޖަރާސީމެކެވެ. އެހެން ތައްޔާރީ ކާނާ ތަކާއި ޚިލާފަށް މި ޖަރާސީމަކީ އައިސްއަލަމާރީގެ ފިނީގައިވެސް އޭގެ އަދަދު އިތުރުކޮށް އުފެދި ގިނަވާ ބެކްޓީރިއާއެކެވެ. މި ބެކްޓީރިއާގެ ސަބަބުން ދިފާޢީ ނިޒާމު ރަނގަޅު މީހުންނަށް މާބޮޑު އަސަރެއް ނުކުރި ނަމަވެސް މިއީ މާބަނޑު އަންހެނުންނަށާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ކުޑަ ކުދިންނަށް ނުރައްކާތެރި ޖަރާސީމެކެވެ.