English Edition
Dhivehi Edition
ފޮޓޯ:މިއަދު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އައްޑޫސިޓީ އާއި ފުވައްމުލަކު ސިޓީގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޚާއްސަކޮށްގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބާއްވައިފިއެވެ

އިއްޔެ ފުވައްމުލައް ސިޓީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެ ސިޓީގެ ގިނަ އަދަދެއްގެ ޖަމްއިއްޔާތަކުން ބައިވެރިވެފައިވާއިރު މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ އޮކްޓޯބަރ މަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ‘ސިވިލް ސޮސައިޓީ އޯގަނައިޒޭޝަންސް ފޯރަމް އޮން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް 2017’ އަށް ތައްޔާރުވުމެވެ. މި ބައްދަލުވުންތަކުގައި ޖަމްއިއްޔާ ޖަމާއަތްތަކަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭ މަޢުލޫމާތު ދިނުމާއި މި ލަނޑުދަނޑިތައް ހާސިލް ކުރުމަށް ކުރެވޭ އެ ފަރާތްތަކަށް އަދާކުރެވޭނެ ދައުރާއި ބެހޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރާނެއެވެ.މީގެ އިތުރުން މި ބައްދަލުވުމުގައި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރާނޭކަންކަމުގެ މަގުޗާޓެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް ދައްކާލުމާއި ނެޓްވޯކިންގ ގެ ފުރުސަތުވެސް މި ފޯރަމްގެ ތެރެއިން ޖަމްޢިއްޔާ ޖަމާޢަތްތަކަށް ލިބިގެން ދާނެއެވެ.

މި ސިލްސިލާ ބައްދަލުވުންތައް 17 އަތޮޅެއްގައި ބާއްވާފައިވާއިރު އޮކްޓޯބަރު 14 އަދި 15 ގައި ގއ. އަދި ގދ. އަތޮޅުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ