ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ނުފޫޒުން އެއްކިބާވެގެން ހިންގާ މަޝްރޫއެއްކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުން ކުރިއަށްގެންގޮސްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ނުފޫޒު ފޯރުވާފައި އޮތްނަމަވެސް، މި ސަރުކާރުން ކުރިއަށްގެންގޮސް ހިންގާ މަޝްރޫއުތަކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ. މީގެ ކުރިން ނުފޫޒު ގަދަ ފަރާތްތަކުން ބޭނުންވާ މީހުންނަށް ގޯއްޗާއި ފްލެޓް ލިބޭ ވާހަކައަކީ އަބަދުވެސް ދެކެވެމުންދާ ވާހަކައެއްކަން ފާހަގަކުރައްވައި، އެކަން ނިމުމަކަށް ގެންނައުމަކީ އެމަނިކުފާނު އިސްކަންދެއްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ. މި ސިޔާސަތުގެ ދަށުން ފްލެޓަށް އެދި 35،900 އަށްވުރެ ގިނަ އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 22،000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. ރައީސް ވިދާޅުވީ މި މަސައްކަތުގެ ތެރެއިން އެއްވެސް މީހަކަށް ނުވަތަ އާއިލާއަކަށް އިސްކަންދޭ ގޮތަށް ފުރުސަތެއް ނޯންނާނެ ކަމަށެވެ.
“އެވަރުގެ ބޮޑު ކަމެއްގެ ތެރޭގައި އެއްވެސް ވަރެއްގެ ނާޖާއިޒްކަމެއް ހިނގައި، އަދި އެއްވެސް ކަމެއްގައި، ވަކި ކުޑަކަމެއްގައިވެސް ހިނގައިގެން ނުވާނެކަމަށް ގަބޫލުކުރަނީ. މިހާރު މިހިނގާ ވެރިފިކޭޝަންގެ ތެރެއިންވެސް ވަރަށް ބޮޑަށް ބަލާނަން އެކަންތައް ރަނގަޅަށް ގެންދެވޭތޯ. އިރާދަކުރެއްވިއްޔާ ދާނީ ރަނގަޅަށް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފްލެޓް ވެރިފިކޭޝަން މަސައްކަތް ކުރާ ފަރާތްތަކުންވެސް ނުފޫޒު ފޯރުވުމުގެ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ސަރުކާރުން ބުނި ގޮތުގައި މިއަހަރުގެ ތެރޭގައި ހައުސިންގެ ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމުން، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިމި، އާންމުންނަށް ވަގުތުން އެތަންތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.