ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބާޒާރުގައި ޑޮލަރު ލިބުން ދަތިވަމުންދާތީ، ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ނިންމައި، މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެ ބަދަލަށް އަމަލުކުރަން ފަށާގޮތަށް ހަމަޖައްސައިފިއެވެ. އެމްއެމްއޭއިން ބުނި ގޮތުގައި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 25 ޕަސަންޓު އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކޮންމެ ހަފުތާއަކުވެސް ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރަމުންދާނެ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. މިއީ ޓޫރިޒަމްއިން ލިބޭ ބޭރު ފައިސާގެ މިންވަރު މަދުވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފައިސާ ފޮނުވަންޖެހޭ މިންވަރު އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދުމަށް އެޅި ވަގުތީ ފިޔަވަޅެކެވެ. މީގެ ބޭނުމަކީ ބޭންކިން ނިޒާމުގެ ތެރޭގައި ބޭރު ފައިސާގެ ދަތިކަން ކުޑަކޮށް، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ބޭންކުތައް މެދުވެރިކޮށް އާންމުންނަށާއި ވިޔަފާރިތަކަށް އެމްއެމްއޭއިން ވިއްކި ބޭރު ފައިސާގެ މިންވަރު، 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 72 ޕަސަންޓު ވަނީ އިތުރުވެފައެވެ. ވަކިން ހާއްސަކޮށް ބޭސްފަރުވާއަށާއި ތައުލީމަށް ރާއްޖޭން ބޭރަށް ދާ މީހުންނަށް ބޭންކުތައް މެދުވެރިކޮށް ވިއްކި ޑޮލަރުގެ މިންވަރު ވަނީ 78 ޕަސަންޓު އިތުރުވެފައެވެ. މީގެ އިތުރުން ތެލާއި، ކާބޯތަކެއްޗާއި، ބޭސް ފަދަ ތަކެތި އިމްޕޯޓް ކުރުމަށް ވިއްކި ފައިސާގެ މިންވަރުވެސް ވަނީ 30 ޕަސަންޓު އިތުރުވެފައެވެ.
އޮފް-ސީޒަނުގެ އިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މީގެ ސަބަބުން ޓޫރިޒަމްއިން ލިބޭ އާމްދަނީއަށްވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު ބޭންކުތަކުން ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެމްއެމްއޭއިން ގަބޫލުކުރެއެވެ.