English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، އެ ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. ރައީސް މިކަމަށް އެދިވަޑައިގަތީ ވެނުޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒަށް ހަމްދަރުދީ ފޮނުއްވައި، ފޮނުއްވި ތައުޒިޔާގެ މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ވެނެޒުއޭލާއަށް އައި ބިންހެލުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، އަދި ގެދޮރާއި ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެފައިވެއެވެ. މި ބާރުގަދަ ހާދިސާގެ ސަބަބުން އެ ގައުމުގެ ގިނަ ބަޔަކަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވެނެޒުއޭލާގެ ވަގުތީ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް އިހްލާސްތެރި ތައުޒިޔާ ރައްދުކުރައްވާފައެވެ. އަދި މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް އިހްލާސްތެރި ހަމްދަރުދީ ފޮނުއްވައި، މި ދަތި އަދި ހިތާމަވެރި ދަނޑިވަޅުގައި އެ ފަރާތްތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުން އެދި ދުއާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަތުމުގެ އިތުރުން، އެ ސަރަހައްދުގައި މިހާރު ކުރިއަށްދާ މީހުން ސަލާމަތްކުރުމާއި އާންމު ހާލަތަށް ގެނައުމުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.