އަންހެނުން ބާރުވެރިކުރުމަށް ހޯދަންޖެހޭ ފަންޑުހޯދުމަށް އެންމެ ކުރީ ސަފުގައި ހުންނާނެކަމަށް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ސިޓީ ކައުންސިލް މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ލަތީފް މިހެން ވިދާޅުވީ ސިލްސިލާ ގޮތެއްގައި ކޮންމެ ދުވަހަކު ހެނދުނު ގެނެސްދޭ “ގުޑްމޯނިން އައްޑޫ ސިޓީ” ފޭސްބުކް ލައިވްޝޯގައި ވާހަކަދައްކަވަމުންނެވެ.ލަތީފް ވިދާޅުވީ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ WDC އަށް ފުރިހަމަ ބާރު ދިނުންކަމަށާއި ކަންބަލުންނާއި ގުޅުންހުރި ކަންކަމުގައި ފަހުބަސްބުނެ ގޮތް ނިންމާނީ WDC އިންކަމަށެވެ.
މީގެ އިތުރުން ލަތީފް ވިދާޅުވީ އަންހެނުން ބާރުވެރި ކުރުމުގައިވެސް 10 އަހަރުގެ ޕްލޭންއެއް ހަދާނެކަމަށެވެ. އަދި ފިރިހެނުންވެސް ބާާރުވެރިކުރުމަށް މަސައްކަތްކޮށް ހަމަހަމަ ފުރުސަތު ލިބިގެންދާނެކަމަށްވެސް ލަތީފް ފާހަގަކުރެއްވިއެވެ.
“މަގޭ މޭޔަރުކަމި WDC އަށް ބާރަދޭށުން.ޝޯޓްޓާމް އެއި ލޯންގްޓާމް ގޯލްސް އަކީ ކޮބާތޯ ހޯދައި ކަންކެރާނެ މަގަ ޗާޓަށް އޮންނައް ތެބެވެއި.އެ ޕްލޭނަށް ކަންކަން ކެޑުމުގެ ކުރިން ކަނބަލުން ޓްރެއިން ކެރާއްތެބެޖެހެއި.” ލަތީފް ވިދާޅުވިއެވެ.
އައްޑޫ ސިޓީ މޭޔަރ ކަމަށް ލަތީފް ކުރިމަތިލައްވާފައިވަނީ ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުގައި އެވެ. އަދި މޭޔަރ ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރެވެ.