މޭޔަރ ކަމުގެ ފުރަތަމަ 2 އަހަރުތެރޭ ސްމާޓް ސިޓީ ,ކައުންސިލެއް ޤާއިމްކުރާނެ ކަމަށް ކުރިޔަށް އޮތް ލޯކަލް އިންތިޚާބަށް ސިޓީ ކައުންސިލް މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ލަތީފް މިހެން ވިދާޅުވީ ސިލްސިލާ ގޮތެއްގައި ކޮންމެ ދުވަހަކު ހެނދުނު ގެނެސްދޭ “ގުޑްމޯނިން އައްޑޫ ސިޓީ” ފޭސްބުކް ލައިވްޝޯގައި ވާހަކަދައްކަވަމުންނެވެ. ލަތީފް ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު ހިނގި އަލިފާނުގެ ޙާދިސާ ގައި ކޯޓުތަކާއި އޮފީސް ތަކުގައި ހުރި ރައްޔިތުންނާއި ގުޅުންހުރި ގިނަ ޢަދަދެއްގެ ލިޔެކިޔުންތައް ވަނީ ނެތިގެން ގޮސްފައިކަމަށެވެ. ކައިވެނީގެ ސެޓްފިކެޓް ނެތް މައްސަލައާއި ގޯތި ރަޖިސްޓަރީ ނެތިގެން ދިޔުމާއިއެކު މިހާރުވެސް ބައެއް މީހުންގެ ކައިވެނީގެ ސެޓްފިކެޓް ވަނީ ޑާޓާ ގެއްލުމުގެ ސަބަބުން ނެހެދިފައިކަމަށް ލަތީފް ފާހަގަކުރެއްވިއެވެ.
“ޑާޓާ ގެއްލުމަކީ ވަރަށް ބޮނޑަ މައްސަލާއް.މަ މޭޔަރ ކަމަށް އައްޑޫ ރައްޔިތުން ހޮވަލީފެހޭ މެޔަރ ކަމި ފެރެތުމަ 2 އަހަރި އައްޑޫސިޓީ ކައުންސިލަކީ ޑިޖިޓަލް ސްމާޓް ސިޓީ ކައުންސިލަކަށް ބަދަލު ކެރާށުން” ލަތީފް ވިދާޅުވިއެވެ.
ސްމާޓް ސިޓީ ކައުންސިލަކަށް ބަދަލުކުރުމަކީ މުހިއްމުކަމެއްކަމަށާއި ރައްކާތެރިކަމާ އެކީ ދާއިމީގޮތަކަށް ރައްޔިތުންނާއި ގުޅުންހުރި ހުރިހާ ރިކޯޑްތައް ރައްކާކުރެވޭނެ ނިޒާމެއް ޤާއިމްކުރެވިގެންދާނެ ކަމެއް ކަމަށް ލަތީފްވިދާޅުވިއެވެ.މީގެ އިތުރުން ސްމާޓްސިޓީ ކައުންސިލް އުފެދުމާއެކީ ކޮންމެ އަވަށަކު ކަސްޓަމާ ސާވިސް އޮފީހެއް ހުޅުވި ސިޓީކައުންސިލަކީ ރައްޔިތުންނަށް އަމުރުކުރަން އޮންނަ ތަނެއްގެ ބަދަލުގައި ރައްޔިތުންނަށް ޚިދުމަތް ދޭ ތަނެއްގެ ގޮތުގައި ވެގެންދާނެއެވެ. ސްމާޓް ސިޓީ ކައުންސިލާ އެކު ކޮންމެ ރައްޔިތަކަށް ޕޯޓަލް އެއް ހަދާ އެޕޯޓަލް އިން އެމީހެއްގެ ހުރިހާ މައުލޫމާތެއް ލިބިގެންދާނެއެވެ އަދި ސްމާޓްސިޓީ ކައުންސިލް ޤާއިމްވެގެންދިޔުމުން ހުރިހާ އަވަށު އޮފީސް ތަކާއި ސިޓީ ކައުންސިލް، އެއް ނިޒާމަކުން ގުޅިގެން ދިޔުމުން ސިޓީ ކައުންސިލާއި އަވަށު އޮފީސްތަކުން ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެން ދާނެކަމަށް ވެސް ލަތީފް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ލަތީފް ވިދާޅުވީ އައްޑޫސިޓީ ކައުންސިލް ސްމާޓް ސިޓީ ކައުންސިލަކަށް ބަދަލުކުރުމަށް ކައުންސިލްގެ ސްޓަކްޗަރ ބަދަލުކުރަންޖެހޭކަމަށެވެ.
އައްޑޫ ސިޓީ މޭޔަރ ކަމަށް ލަތީފް ކުރިމަތިލައްވާފައިވަނީ ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުގައި އެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރެވެ.