English Edition
Dhivehi Edition

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓް ދޭންވީ އެންމެ ރަނގަޅަށް ނަތީޖާ ނެރެދެވޭނެ ކެންޑިޑޭޓަކަށް ކަމަށް ޕީޕީއެމްގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބުގައި ތާއިދު ހޯދެއްވުމުގެ ގޮތުން ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ މިގައުމުގެ ކަންކަން މިހާރު މިދަނީ ރަނގަޅަށް ނޫންކަން ގާތުންނާއި ދުރުން ބަލަމުން ގެންދާ، ކޮންމެ ރައްޔިތަކު ވެސް ގަބޫލު ކުރާނެކަމަށެވެ. އަދި ކުރިއަށް އޮތް ދިހަ ދުވަހަކީ އުމުގެ މުސްތަގުބަލް ކަނޑައެޅުމުގައި ގޮތެއް ނިންމަން އޮތް ދިހަ ދުވަސް ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ ގައުމުގެ ހާލަތު މިހާ ދަށަށް ދިޔައީ ގައުމުގެ ސިޔާސަތުތައް ބިނާކޮށްފައި އޮތް ގޮތުންކަމަށެވެ. ކަންކަން ރަނގަޅު ކުރުމަށް ހުރަސްއެޅޭ އެއްވެސް ކަމެއް ނެތް އިރުވެސް ކަންކަން ރަނގަޅު ކުރުމުގައި ސަރުކާރު ފެއިލްވެފައިވާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ގައުމުގެ އިޤުތިސާދު ވަނީ އަނދަވަޅަކަށް ވެއްޓިފައި ކަމަށެވެ. އަދި ގައުމުގެ އިޤުތިސާދު ދެން ނަގައި ކޮޅަށް ޖަހަން އުނދަގޫ ހިސާބަށް ހާލަތު ގޯސްވެފައިވާކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ.

ގައުމުގެ ކަންކަމާއި އަދި ހާއްސަކޮށް މާލޭގެ ކަންކަން ދުވަހަކަށްވުރެ، ދުވަހެއް ގޯސްވަމުންދާ ކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ މި ވާހަކަތަކަކީ މިއަދު މާލޭގެ ކޮންމެ ރައްޔިތަކުވެސް ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ.

ކުރިއަށް އޮތް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދި މުއިއްޒު ވިދާޅުވީ މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓުން ގައުމަށް އެއްވެސް ދެރައެއް ލިބެން ނޭދޭނެކަމަށެވެ. އަދި އެ ކެންޑިޑޭޓުންނަކީ ތަޖުރިބާ އާއި ތައުލީމާއި އެކު މާލެއަށް ތަރައްޤީ ގެނެސްދެއްވާނެ ކެންޑިޑޭޓުންކަން މުއިއްޒުވަނީ ފާހަގަކުރައްވާފައެވެ.