English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ކުރިއަރާފައިވާ ޑިޖިޓަލް ޒަމާނަކަށް ސިޑްސް ތައްޔާރުވަމުންދާއިރު ބައިނަލްއަޤްވާމީ މުޖުތަމައުން ގުޅިގެން ލިބެންހުރި ފުރުސަތުތައް ހޯދުމަށް މަސައްކަތްކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ “ސްމާޓް މޯލްޑިވްސް: ޖަރނީ ޓުވަރޑްސް އަ ޑިޖިޓަލީ އިންކްލޫސިވް ކޮމިއުނިޓީ” ގައި ތަގްރީރުކުރައްވަމުންނެވެ. މިއީ ސިޑްސް4ގެ ސައިޑް އިވެންޓެކެވެ. މި އިވެންޓް އިންތިޒާމުކުރީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާ ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ ގުޅިގެންނެވެ.

ރައީސް ތަގްރީރުގައި ދިވެހިރާއްޖެއިން މިހާރު ދަނީ ޑިޖިޓަލް އިކޮނޮމީއަކަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންކަން ފާހަގަކުރައްވައި މި ބަދަލުގެނައުމުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުމާއި އެކުގައި މަސައްކަތްކުރުމާއިއެކު، އިތުރު އިންވެސްޓްމަންޓް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދިވެހިރާއްޖެއިން މަސައްކަތްކުރަނީ އައު އީޖާދުތަކާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިޔަށްދިއުމަށް ބޭނުންވާ އިންވެސްޓްމަންޓްތަކަށް އަމާޒުކޮށްކަން ފާހަގަކުރައްވާފައެވެ. ސަރަޙައްދީ އަދި ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވާއިދުތަކަށް ފެތޭގޮތަށް ރާއްޖޭގައި ހަރުދަނާ ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލައި ތަންފީޒުކުރުމަށް ރާއްޖެއަށް ފަންނީ އެހީތެރިކަން ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސްޓޭންޑަރޑްތައް ހަމަޖެއްސުމަށް ކުރިޔަށްގެންދާ މަޝްވަރާތަކުގައި ފުރުސަތު ލިބުމާ އަދި ޑިޖިޓަލް އިކޮނޮމީއެއް ބައްޓަންކުރުމަށް ހަމަހަމަ ފުރުސަތު ލިބުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެއިން ހުއްޓުމެއްނެތި އަންނަނީ އަރޓިފިޝަލް އިންޓަލިޖެންސް އަދި ބިގް ޑާޓާގެ ޒަމާނަށް ފެތޭގޮތަށް ޑިޖިޓަލް ސިޓިޒަން ބިނާކުރުމަށް މަސައްކަތްކުރަމުންކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ރައީސް ވަނީ ދިވެހިރައްޔިތުންގެ މަންފާއަށްޓަކައި އައު ޑިޖިޓަލް ހިދުމަތްތައްވެސް ތަޢާރުފުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ރައީސްގެ ވާހަކަފުޅުގައި ވަނީ ކުރިމަތިވަމުންދާ ހުރަސްތަކާއެކު ވެސް ހުއްޓުމެއްނެތި މަސައްކަތްކޮށް ވިލުންތެރިކަން އިތުރުކޮށް ރާއްޖެއަށް ނަތީޖާ ނެރެވިދާނެކަމާއި އަދި އެ ދަތިތައް ހުރަސްކުރެވިދާނެކަން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ހާމަކޮށްދެއްވާފައެވެ. އެގޮތުން އުނދަގޫ އޮއިވަރުތަކާއި އަދި ލިބިފައިވާ ވަޞީލަތްތަކުގެ މަދުކަމާއި އަދި ދާންވީ ދިމާ ސާފުނުވާ ހާލަތްތަކާވެސް ކުރިމަތިލައި ވިލުންތެރިކަން އިތުރުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހުއްޓުމެއްނެތް އޮއިވަރާ މި ކުދިކުދިރަށްތަކުން ކުރިމަތިލާގޮތަށް، އަމިއްލައަށް ކަނޑައަޅާފައިވާ އިންތައް ފަހަނައާ ކުރިޔަށްދާންޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.