English Edition
Dhivehi Edition

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މަޝްހޫރު ފިލްމީ ތަރި މުހައްމަދު ޖުމައްޔިލު ނިމާލްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފި އެވެ.

2016 ވަނަ އަހަރުގެ ޑިސެމްބަރުގައި ލިބުނު އެ އަނިޔާތަކުގެ ވާހަކަ ހިއްސާކޮށް، ޖިންސީ އަނިޔާގެ ޝީކާރައަކަށްވި އަންހެންމީހާވަނީ ޓްވިޓާގައި އެ ހާދިސާ ހިނގި ގޮތް ވަރަށް ތަފްސީލްކޮށް ކިޔައިދީފަ އެވެ.

މި ގޮތުން މިދިޔަ އަހަރު ޖުލައި މަހު އެ އަންހެން މީހާވަނީ ޓުވިޓާގައި، އޭނަގެ ދެބެންގެދެދަރި ބޭބެ ޖުމައްޔިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ވާހަކަ ކިޔައިދީފައެވެ. އަދި އެ އަނިޔާ އަށް އިންސާފު ނުލިބުނީ ޕީޖީ އޮފީހަށް މައްސަލަ ދިޔަ ހިސާބުން، ބާރުގަދަ ބަޔަކު މެދުވެރިކޮށް ނުފޫޒު ފޯރުވައިގެން އެ ކަންތައް އޮއްބާލުމުންކަމަށް އެ އަންހެން މީހާ ވަނީ ތުހުމަތުކޮށްފައެވެ.

މި ސަރުކާރުގެ ޕިޖީ ހުސެއިމް ޝަމީމް މަގާމާ ހަވާލުވެ، އެ މައްސަލަ އަލުން ބަލަން ވަނީ ނިންމާފައެވެ. މިގޮތުން ޝަމީމްވަނީ އެ މައްސަލައިގައި މީގެ ކުރިން ދައުވާ ނުކުރަން ނިންމާފައި އޮތީ ހެކި ނެތިގެން ކަމަށް ބުނެ ކަމަށާއި އެހެންނަމަވެސް ދައުވާ ނުކުރަން ނިންމި ނިންމުން ރިވިއުކޮށް، ޖުމައްޔިލުގެ މައްޗަށް ދައުވާ ކުރެވޭނެތޯ ނުވަތަ ނޫންތޯ ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.

ޖުމައްޔިލުގެ މައްޗަށްކޮށްފައިވަނީ ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާ އެވެ.