ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އެމްޑީޕީގެ އިސް ޝަޚުޞެއް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެ ޕާޓީގެ ރަސްމީ ވަޓްސްއެޕް ގްރޫޕުން ވަކިކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ، ޝާހިދު ގްރޫޕުން އުނިކުރުމަކީ މިފަދަ ނާޒުކު މައްސަލަތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން ސެކިއުރިޓީ ސަބަބުތަކަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ގްރޫޕުން އޭނާ ވަކިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ 21:59 ހާއިރެވެ. އަދި އެ ރޭ އޭނާ ދޫނިދޫ ޖަލަށް ގެންގޮސްފައިވާއިރު، ފަހުން ކޯޓުން ވަނީ އޭނާގެ މައްޗަށް 30 ދުވަހުގެ ބަންދުގެ މުއްދަތެއްޖަހާފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޝާހިދު ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން، އޭނާ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައިވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ ވާހަކަތަކަކީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ބޭނުމެއްގައި ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. މި މައްސަލައިގައި އެމްޑީޕީގެ ފަރާތުން ރަސްމީކޮށް ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.