ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާ ސަރުކާރުން ވަރުގަދަ ނަސްލީ ގަތުލް ޢާންމެއް ހިންގާ އެތައް ބަޔަކު މަރަމުން ދާތީ، އެކަމުން ސަލާމަތް ވުމަށް ބަންގްލަދޭޝަށް ރޮހިންޖާ ދަރިކޮޅުގެ އެތައް ބަޔަކު ދަނީ އެތެރެވަމުންނެވެ. ނަމަވެސް އެމީހުންނަށް އިންސާނީ އެހީ ލިބުމުގައި ބޮޑެތި ދަތި ތަކެއް އެބަހުރިއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް ރޮހިންޖާ ދަރިކޮޅުގެ 412000 މީހުން ވަނީ އެތެރެވެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިންނެވެ.
ގަދަ ވިއްސާރާއިގައި ވަރަށް ގިނަ އަންހެނުން ކުޑަ ކުދިންތަކެއް ކޮނޑަށްލައިގެން ކާބޯތަކެތި، ހެދުން އަދި ސަތަރި ގަނޑެއް ލިބޭތޯ ކޮޅަށް އެތައް އިރެއް ވަންދެން ތިބެއެވެ. އެއީ ބަންގްލަދޭޝްއިން އެމީހުންނަށް ދޭން ބަހަމުންދާ އެހީގެ ތަކެއްޗެވެ. ރޮހިންޖާ މީހުންގާ ހާލާ ގުޅިގެން އެހީ ދޭ ފަރާތްތަކުން ބުނެފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ވެސް އަންހެނަކާ ދެ ކުޑަ ކުދިން، ކާނާ ހޯދުމަށް ގޮސް އުޅެނިކޮށް މީހުން ތޮއްޖެހި ފިތި ބާރު ވުމުގެން ސަބަބުން ވަނީ މަރުވެފައެވެ.
ބަންގްލަދޭޝްގައި މިހާރު ތިބި 4 ލައްކަ މީހުންގެ ތެރެއިން ދެބައި ކުޅަ އެއްބައި މީހުންނަށް ސާފު ބޯފެން، ބޯހިޔާވަހިކަން ރަންގަޅަށް ނުލިބޭ ކަމަށް އެހީ ދޭ ފަރާތްތަކުން ބުނެއެވެ.
އާދީއްތަ ދުވަހުން ފެށިގެން ބަންގްލަދޭޝް ސަރުކާރުން ފުލުހުން ދަނީ ކޮކްސް ބާޒާރަށް ވަދެ ނިކުމެމުންދާ އުޅަނދުފަހަރު ބަލާ ފާސް ކުރަމުންނެވެ. މިއީ ބަންގްލަދޭޝް ސަރުކާރުން ރޮހިންޖާ ދަރިކޮޅު މީހުން ގައުމުގެ އެކި ސަރަހައްދުތަކަށް ފެތުރުން މަދު ކުރުމަށްޓަކައެވެ.
މިޔަންމާ ސަރުކާރުން މިހާރު ހިންގަމުންދާ ގަތުލުއާމުގެ ސަބަބުން ވަރަށް ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން މަރާލެވި އެތަށް ލައްކަ ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި ރެޖިސްޓްރީ ކުރެވިފައިވާ ކޭމްޕުތަކުގައި ޖާގަ ވަރަށް ކުޑައެވެ. އެގޮތުން ގިނަ މީހުން އޮނުން އަދި ސަތަރި ބޭނުންކޮށްގެން ވަގުތީ ހިޔާތަށް އެކި ތަންތަނުގައި ދަނީ ހަދަމުންނެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން އެހެން ސަރަހައްދު ތަކަށް ބަދަލުވާން ވަނީ ޖެހިފައެވެ.
އެހީދޭ ޖަމާއަތްތަކުން ދަނީ މިވަގުތު އެހީ ދެވެމުންދާ ގޮތް އަދި ބަދަލު ކުރަން ޖެހިފައިވާ ކަމަށް ބުނެފައެވެ. އަދި ގިނަ ޖަމާއަތްތަށް ގުޅިގެން ނޫނީ މިކަމުގައި ރަންގަޅު މަގެއް ނުފެންނާނެ ކަމަށް އެފަރާތުން ބުނެއެވެ. މިވަގުތު މިފަދަ ހާލަތެއްގައި ބަލި މަޑު ކަމެއް ފެތުރިދާނެ ކަމަށް ބަލައި 5 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދިނުމަށް ކޭމްޕުތަކުގައި ވަނީ ވެކްސިން ބޫތު ބަހައްޓާފައެވެ.
ރޮހިންޖާ ގިނަ މީހުންވަނީ މިވަގުތު ރަންގަޅު ބޯހިޔާވަހިކަމެއް އަދި އިންސާނީ އެހީއަށް ނިހާޔަތަށް ބޭނުންވެފައެވެ. ނަމަވެސް އެހީ ދޭ ޖަމާއަތްތަކަށް ހުރިހާ އެންމެނަށް އެހީ ދިނުމުގައި ބޮޑެތި ދަތިތަކާ މިވަނީ ކުރިމަތިލާން ޖެހިފައެވެ.