English Edition
Dhivehi Edition
FILE PHOTO: Asif Mahmud, Nahid Islam, and Abu Bakar Majumder, student leaders who spearheaded a movement against job quotas that turned into a call for Prime Minister Sheikh Hasina to resign, issue a statement in Dhaka, Bangladesh, in this screengrab from a social media video released on August 6, 2024. Asif Mahmud Via Facebook/via REUTERS/File Photo

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވެރިކަމުން އިސްތިޢުފާ ދެއްވުމަށް މަޖުބޫރު ކުރުވުމުގައި އެންމެ އިސް ދައުރެއް ޢަދާ ކުރި އެ ޤައުމުގެ ދަރިވަރުންގެ ޖަމްޢިއްޔާ “ސްޓޫޑެންޓްސް އެގެއިންސްޓް ޑިސްކްރިމިނޭޝަން” ގުރޫޕުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމައިފިއެވެ.

ދަރިވަރުންގެ ޖަމްޢިއްޔާއިން މި ހަފުތާގެ ތެރޭގައި އައު ސިޔާސީ ޕާޓީ އުފައްދާނެ ކަމަށް ބުނެފައިވަނީ މިއަހަރުގެ ފަހުކޮޅު ބާއްވާ އިންތިހާބަށް ތައްޔާރުވަމުން ދަނިކޮށެވެ.

މި ޕާޓީގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާނެ ކަމަށް ބެލެވެނީ ދަރިވަރުންގެ މެދުގައި އިސްކޮށް ޙަރަކާތްތެރިވާ އަދި ބަންގްލަދޭޝްގެ އިންތިޤާލީ ސަރުކާރުގެ މުޝީރެއް ކަމަށްވާ ނާހިދު އިސްލާމެވެ.

މި ޖަމިއްޔާގެ ބައެއް މެމްބަރުން މިހާރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އިރު އޭގެ ތެރޭގައި ޓެލެކޮމް މިނިސްޓަރުގެ މަގާމުގައި ނާހިދު އިސްލާމް، ސްޕޯޓްސް ޕޯޓްފޯލިއޯ ބަލަހައްޓާ އާސިފް މަހުމޫދާއި ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމު ގައި ހުންނެވި މަހުފޫޒް އާލަމް ހިމެނެ އެވެ.

އިންތިޤާލީ ސަރުކާރުގައި ދަރިވަރުންގެ މަސްލަހަތަށް ވަކާލާތުކުރުމުގައި މުހިންމު ދައުރެއް ޢަދާ ކުރާ އިސްލާމް ސިޔާސީ ޕާޓީ ހިންގުމަށް ސަރުކާރުގެ މަޤާމުން އިސްތިޢުފާ ދޭނެ ކަމަށް މަސްދަރުތަކުން ބުނެއެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގްރޫޕުން ޕާޓީ ރަސްމީކޮށް އިފްތިތާހު ކުރުމުގެ އިންތިޒާމުތައް ފައިނަލް ކުރަމުން އަންނަ އިރު، ބުދަ ދުވަހުގެ ކުރީކޮޅު އެކަން އިއުލާނު ކުރާނެ ކަމަށް ބެލެވެ އެވެ.

އާ ސިޔާސީ ޕާޓީން އިސްކަންދޭނީ ވަކި ފަރުދަކަށް، ޕާޓީއެއްގެ ނުވަތަ ޖަމާއަތެއްގެ މަސްލަހަތަށް ވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތަށް،” އެ ޖަމާއަތުގެ އިސް ލީޑަރެއް ކަމަށްވާ ސާޖިސް އަލަމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

މި ދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސަރުކާރުގެ ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި ޢަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ބަންގްލަދޭޝްގެ ގިނަ ޢަދަދެއްގެ ދަރިވަރުން ވަނީ މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާތައް ރާވާ އިންތިޒާމް ކުރުމުގައި އެންމެ އިސް ދައުރެއް ޢަދާ ކުރީ ސްޓޫޑެންޓްސް އެގައިންސްޓް ޑިސްކްރިމިނޭޝަން ނުވަަތަ ސެޑް ޖަމްޢިއްޔާއިންނެވެ. މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުންކޮށް, ގިނަ ޢަދަދެއްގެ ދަރިވަރުން މަރައިލުމުން މުޒާހަރާތައް އިތުރަށް ހޫނުވެ އެންމެ ފަހުން ޙަސީނާ ބޮޑުވަޒީރު ކަމުން އިސްތިޢުފާ ދެއްވުމަށް މަޖުބޫރު ވިއެވެ. އަދި ޤައުމު ދޫކުރައްވާ އަވަށްޓެރި އިންޑިޔާއަށް ވަޑައިގަތެވެ.

ސިޔާސީ މަޝްރަހު ދިރާސާ ކުރާ ތަޖުރިބާކާރުން ޤަބޫލު ކުރާ ގޮތުގައި ޒުވާނުން އިސްވެ އުފައްދާ ސިޔާސީ ޕާޓީއެއްގެ ސަބަބުން ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.