English Edition
Dhivehi Edition
ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންނަށް ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: ޕޮލިސް

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުންދާ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރުމުން، ކަރަންޓީނުވުމެއް ނެތި ރާއްޖޭގެ އެތެރޭގައި ދަތުރުތައް ކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ވާޗުއަލްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ދެވަނަ ޑޯޒަށް ފަހު ރާއްޖޭގެ އެތެރޭގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަކަމަށެވެ. އިތުރަށް މަބްރޫކް ވިދާޅުވީ ވެކްސިން ޖެހުމަށް ފަހު ދަތުރު ކުރެވެނީ ސީދާ ކިތައް ދުވަސް ފަހުން ކަން އަދި ނިންމާފައި ނުވާކަމަށެވެ.

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކޮވިޑް-19 ގެ ދެ ވަނަ ޑޯޒް ޖަހަން ފަށާއިރު އެޗްޕީއޭ އިން ވަނީ އަންނަ ރަމްޟާން މަސް ފެށުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިލްތިމާޒްކޮށްފައެވެ.

މިދިޔަ ފެބްރުއަރީމަހު، ރާއްޖޭގައި ކޮވިޑް 19 އިން ރައްކާތެރިވުމަށް އޮކްސްފޯޑް އެސްޓްރަޒެނަކާގެ ކޮވިޝީލްޑް ވެކްސިން ޖަހަން ފަށާފައިވާއިރު މިހާތަނަށް ދެ ލައްކަ އަށް ވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ދީފައެވެ.