English Edition
Dhivehi Edition

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ޓިވެޓް އޮތޯރިޓީ (މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން) ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ޤައުމީ ފެންވަރުގައި ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ޤައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްއަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތަށް ދަސްކޮށްދީ، ޒުވާނުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދެވިގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ ވަޒީފާގެ ބާޒާރަށް ނިކުތުމަށް ޒުވާނުންނަށް ބާރުއަޅައި ޒުވާނުންނަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާއީ ހަމަޖެހުމަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.

“ޓިވެޓް އޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް” ތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ މުއްދަތަކީ 6 މަސްދުވަހެވެ. މި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ސަރުކާރު ޤަބޫލްކުރާ ފެންވަރުގެ ނެޝެނަލް ސެޓްފިކެޓް ލިބިގެންދާއިރު މިއީ އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެކެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕްގެ ޕްރޮގްރާމްގެ ދަށުން ތަމްރީންތައް ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު ދާއިރާތަކަކީ، ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ, އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ.

މި ޕްރޮގްރާމްގައި ރަޖިސްޓްރީ ވުމަށާއި އިތުރު މައުލޫމާތު ސާފްކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ ވެބްސައިޓް ނުވަތަ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފޭސްބުކް ޕޭޖު (National Apprenticeship program) އަދި ޓްވިޓަރ ޕޭޖް (MvApperentices@) އިން ލިބިގެންދާނެއެވެ. މީގެ އިތުރުން މައުލޫމާތު ސާފުކުރަން އެދޭނަމަ 3313912 ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރުމުންވެސް އިތުރު މައުލޫމާތު ލިބިގެންދާނެއެވެ.