English Edition
Dhivehi Edition
ޔަންގް ބޭކާސް ޕްރޮގްރާމް ގައި ބައިވެރިވި ކުދިން: ފޮޓޯ ލުބްނާ މަޖީދު މުޚްތާރު/ އޭއޯ ނިއުސް

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް ) ގުޅިގެން ކުރިއަށް ގެންދާ “ވެށި- ބާރު” ޕްރޮޖެކްޓްގެ ދަށުން އައްޑޫސިޓީގެ މީދޫގައި ކުރިއަށް ގެންދިޔަ ޔަންގް ބޭކާސް ޓްރެއިނިން ޕްރޮގްރާމް 26 ކުއްޖަކު ފުރިހަމަކޮށްފިއެވެ.

މިއީ ޢުމުރުން 8 އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހުނަރު ދަސްކޮށްދިނުމަށް ހިންގުނު ޕްރޮގްރާމެކެވެ.

ސްކޫލް ޗުއްޓީއާއި ދިމާކޮށް ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޖުލައި 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ “ވެށި- ބާރު” ޕްރޮޖެކްޓްގެ ދަށުން މުޅިން ހިލޭ ސާބަހަށް ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ހިންގި ތަމްރީނު ޕްރޮގްރާމެކެވެ. އައްޑޫ ސިޓީގެ އިތުރުން ކުޑަހުވަދޫގައި ވެސް މި ޕްރޮގްރާމް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ 3 ވަނަ ޕްރޮގްރާމް ހިންގުމަށް ހަމަޖައްސާފައިވަނީ ހއ މާރަންދޫގައެވެ.

ނިމިގެން ދިޔަ 2 މި ޕްރޮގްރާމްގައި ފެސިލިޓޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަވާފައިވަނީ ޑަޔާކޭކްސްގެ ފައުންޑަރ ފާތިމަތު ދިޔާނާ އެވެ. ދިޔާނާ އަކީ ކޭކްޑެކަރޭޝަންގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން މަސައްކަތް ކޮށް ގިނަ ޒުވާނުން މި ދާއިރާއަށް ތަމްރީނުކޮށް ދެއްވަވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ޔަންގް ބޭކާސް ޓްރެއިނިންގ ޕްރޮގްރާމް އައްޑޫގައި ކުރިއަށް ގެންގޮސްފައިވަނީ މީދޫގެ ޖަމިއްޔާއެއްކަމަށްވާ މުލިމަތި ޔުނަިއޓެޑް އާއި ގުޅިގެންނެވެ. މި ޕްރޮގްރާމްގައި ބައިވެރިވި ކުދިންވަނީ ކަޕްކޭކްސް އައިސިންގ އިން ޑެކަރޭޓްކުރަން ދަސްކޮށް އަދި އެންމެ ފަހު ދުވަހު މިނި ކޭކެއްގައި އައިސިން ޖަހައި ޑެކަރޭޓްކޮށްފައެވެ.

މުޖުތަމަޢު ބާރުވެރިކުރުމަށް ކުރިއަށް ގެންދާ “ވެށި – ބާރު” ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 20 އަތޮޅެއްގައި 41 ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކޮންމެ ޕްރޮގްރާމެއްވެސް ހިންގުމަށް ހަމަޖެހިފައިވަނީ އެ ޕްރޮގްރާމެއް ހިންގާ ރަށެއްގައި ހެދިފައި ހުންނަ ޖަމިއްޔާ ޖަމާއަތް ތަކާއި ގުޅިގެންނެވެ.