މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް ) ގުޅިގެން ކުރިއަށް ގެންދާ “ވެށި- ބާރު” ޕްރޮޖެކްޓްގެ ދަށުން ދ. ކުޑަހުވަދޫގައި ކުރިއަށް ގެންދިޔަ ޔަންގް ބޭކާސް ޓްރެއިނިން ޕްރޮގްރާމް 33 ކުއްޖަކު ފުރިހަމަކޮށްފިއެވެ.
މިއީ ޢުމުރުން 8 އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހުނަރު ދަސްކޮށްދިނުމަށް ހިންގުނު ޕްރޮގްރާމެކެވެ.
ސްކޫލް ޗުއްޓީއާއި ދިމާކޮށް ޖުލައި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޖުލައި 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ “ވެށި- ބާރު” ޕްރޮޖެކްޓްގެ ދަށުން މުޅިން ހިލޭ ސާބަހަށް ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ހިންގި ތަމްރީނު ޕްރޮގްރާމެކެވެ. ކުޑަހުވަދޫގެ އިތުރުން މި ޕްރޮގްރާމް އައްޑޫސިޓީގެ ހުޅުމީދޫ އަދި ތ. ތިމަރަފުއްޓާއި ވ. ފުލިދޫގައި ވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގައި ފެސިލިޓޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަވަނީ ޑަޔާކޭކްސްގެ ފައުންޑަރ ފާތިމަތު ދިޔާނާ އެވެ. ދިޔާނާ އަކީ ކޭކްޑެކަރޭޝަންގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން މަސައްކަތް ކޮށް ގިނަ ޒުވާނުން މި ދާއިރާއަށް ތަމްރީނުކޮށް ދެއްވަވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ޔަންގް ބޭކާސް ޓްރެއިނިންގ ޕްރޮގްރާމް ދ. ކުޑަހުވަދޫގައި ކުރިއަށް ގެންގޮސްފައިވަނީ އެ ރަށުގެ ޑަބްލިޔުޑީސީ އާއި ގުޅިގެންނެވެ. މި ޕްރޮގްރާމްގައި ބައިވެރިވި ކުދިންވަނީ ކަޕްކޭކްސް އައިސިންގ އިން ޑެކަރޭޓްކުރަން ދަސްކޮށް އަދި އެންމެ ފަހު ދުވަހު މިނި ކޭކެއްގައި އައިސިން ޖަހައި ޑެކަރޭޓްކޮށްފައެވެ.
މުޖުތަމަޢު ބާރުވެރިކުރުމަށް ކުރިއަށް ގެންދާ “ވެށި – ބާރު” ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 20 އަތޮޅެއްގައި 41 ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކޮންމެ ޕްރޮގްރާމެއްވެސް ހިންގުމަށް ހަމަޖެހިފައިވަނީ އެ ޕްރޮގްރާމެއް ހިންގާ ރަށެއްގައި ހެދިފައި ހުންނަ ޖަމިއްޔާ ޖަމާއަތް ތަކާއި ގުޅިގެންނެވެ.