މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް ) ގުޅިގެން މުޖުތަމަޢު ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ކޮމިޔުނިޓީ ޕްރޮގްރާމް ކަމަށްވާ “ވެށި- ބާރު” ގެ ދަށުން ރާއްޖޭގެ 4 ސަރަޙައްދެއްގައި ދުޅަހެޔޮ ސިއްޙަތާއި ގުޅުން ހުރި ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
““ހެޔޮ ސިއްޙަތު” ގެ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުތައް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫސިޓީ، ފުވައްމުލައް ސިޓީ އަދި ހ.އ ތަކަންދޫ އަދި ލ. ފޮނަދޫގައެވެ. މިއީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ރަނގަޅު ކާނާ ގެ މުހިންމުކަމާއި، ރަނގަޅު ސިއްހަތެއްގައި ތިބުމަށް ސިއްޙީ ގޮތުން ވިސްނަންވީ ކަންތައްތައް އަންގައިދީ އެކަމާއި ބެހޭ މައުލޫމާތު މުޖުތަމައަށް ފޯރުކޮށް ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.
އެއް ދުވަހުގެ ޕްރޮގްރާމެއްގެ ގޮތުގައި ކޮންމެ އަތޮޅެއްގައިވެސް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ގޭގައި ތިބެގެން ކޮއްލެވޭނެ ލުއިކަސްރަތެއް ދަސްކޮށްދިނުމާއި ސިއްޙީގޮތުން ދުޅަހެޔޮކޮށް ތިބުމަށް ވިސްނަން ޖެހޭ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި ރަށުން ލިބެން ހުންނަ ބާވަތްތައް ބޭނުންކޮށްގެން ފައިދާ ހުރި ކާނާ ތައްޔާރުކުރާނެ ގޮތް ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ.
ރާއްޖޭގެ 4 ސަރަހައްދަކުން މުޅި އެކު 100 ވަރަކަށް މީހުންނަށް މި ޕްރޮގްރާާމް ހިންގާފައިވާއިރު ހުރިހާ ޕްރޮގްރާމެއްގެ ވެސް ކާނާ އާއި ބެހޭ ބައި ކުރިއަށް ގެންގޮސްދެއްވާފައިވަނީ އައްޑޫވިމެންސް އެސޯސިއޭޝަން (އަވަ) ގެ ނައިބު ރައީސާ، އަދި ދިވެހި ރަހަތަކާއި އެކު ދިވެހި ކެއުންތައް ތައްޔާރުކުރުމަށް މަޝްހޫރު ޖުވެއިރިއްޔާ ވަޖުދީއެވެ.
މިއީ ބައިވެރިން އަތުން އެއްވެސް ފީއެއްނެގުމެއް ނެތި މުޅިން ހިލޭ ކުރިއަށް ގެންގޮސްފައިވާ ކޮމިޔުނިޓީ ޕްރޮގްރާމް ތަކެކެވެ.
މުޖުތަމަޢު ބާރުވެރިކުރުމަށް ކުރިއަށް ގެންދާ “ވެށި – ބާރު” ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 20 އަތޮޅެއްގައި 41 ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކޮންމެ ޕްރޮގްރާމެއްވެސް ހިންގުމަށް ހަމަޖެހިފައިވަނީ އެ ޕްރޮގްރާމެއް ހިންގާ ރަށެއްގައި ހެދިފައި ހުންނަ ޖަމިއްޔާ ޖަމާއަތް ތަކާއި ގުޅިގެންނެވެ.
މި ޕްރޮގްރާމުގެ ދަށުން ޒުވާނުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި އަދި ސްކޫލް ކުދިންގެ އިތުރުން ކޮމިޔުނިޓީ ލީޑަރުންނާއި ސީއެސްއޯސް ތަކާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ތަފާތު އެކިކަހަލަ ކޮމިޔުނިޓީ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.