English Edition
Dhivehi Edition

މޫސުން ގޯސްވެ ހުވަދުއަތޮޅު އުތުރުބުރީގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އަޙުމަދު ޝަމީމް އޭއޯނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އާދީއްތަ ދުވަހުގެ ހަވީރުން ފެށިގެން ކަނޑުހުޅުދޫއަށް ވައިގަދަވެ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 10 ގެ އަކަށް ގެއްލުންވެ،5 ގެއެއްގެ ފުރާޅުވަނީއެއްލާލައިފައި ކަމަށެވެ. އަދި އިމާރާތްކުރަމުންދާ ގެއެއްގެ ބައެއް ވެއްޓި އެރަށުގައި ދުއްވާ ޕިކަޕެއްވެސް ވަނީ ހަލާކުވެފައިކަމަށެވެ.

މީގެ އިތުރުން ކޮލަމާފުށީ ފްލެޓްސަރަހައްދަށް އުދައަރައި 20 ރޯހައުސްއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު ރަށުގެ ހުޅަނގުފަރާތުގެ 15 ގެއަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ. އަދި އެއަތޮޅު ގެމަނަފުއްޓާއި ކޮނޑޭގެ ފަޅުތެރޭގެ ބާނި ބޮޑުވެ ބަނދަރުގައި އަޅާފައި އޮތް ދެ ޑިންގީއެއް ވަނީ ދިޔަވެ އަޑިއަށް ގޮސްފައެވެ. އަދި މި ދެރަށުގެ ބައެއް ގެތަކުގެ ފުރާޅު ގަދަ ވަޔާ އެކު އެއްލައިލުމުގެ ސަބަބުން ހިފައިގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވެއެވެ. މީގެ އިތުރުން ވައިގަދަވުމުގެ ސަބަބުން ގެތަކުގައި ހައްދާފައިވާ ގިނައަދަދެއްގެ ތަރުކާރީ އާއި މޭވާގަސްތަކަށްގެއްލުންލިބިފައިވެއެވެ.

ރާއްޖޭގެ ދެކުނަށްކުރާ މި ވިއްސާރައިގައި ހުވަދު އަތޮޅު ދެކުނުބުރީގެ ރަށްތަކަށްވެސްދަނީ ބޮޑެތިގެއްލުންތަށް ލިބެމުންނެވެ. އެގޮތުން ގދ ހޯޑެއްދޫ އަދި ގދ މަޑަވެލި ގުޅުވާލަދޭ ކޯޒްވޭއަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ވައިބާރުވެ ގދ ގައްދޫ ގެއެއްގެ ފުރާޅު ހަލާކުވެ، އަދި އެރަށުގެ ބައެއް ގެތަކަށް ވަނީ ފެންވަދެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 16 މޭލާއި 26 މޭލާ ދެމެދުގެ ބާރުމިނުގައި، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 03 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.