English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފޮޓޯ: އާކައިވް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

އަންނަމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް ހަސަން މޫސާގެ ކެންޑިޑެސީ ބާތިލްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި ހުކުމުގައެވެ. ހަސަން މޫސާގެ ކެންޑިޑެސީ ބަލައިގަތުމަށްފަހު، އިލެކްޝަން ކޮމިޝަނުންވަނީ ހުކުމާ އެއްގޮތަށް، ސާބިތު ހަރަދު ނުދައްކާ ކަމަށް ބުނެ ކެންޑިޑެސީ ބާތިލްކޮށްފައެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަން ކޮމިޝަނަށް ކެންޑިޑޭޓެއްގެ، ކެންޑިޑެސީ ބާތިލް ނުކުރެވޭނެ ކަމަށް ނިންމާފައެވެ. މީގެ އިތުރުން އީސީ އިން ވަނީ ކެންޑިޑެސީ ބަލައިގަތުމަށް ފަހު ކެންޑިޑެސީ ބާތިލް ކުރެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމުން ކަމަށް ބުނެފައެވެ.

ހަސަން މޫސާގެ ކެންޑިޑެސީ ބާތިލް ކުރަން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ހަސަންގެ ކެންޑިޑެސީ ފޯމް ހުށަހެޅިއިރު ސާބިތު ހަރަދުގެ ގޮތުގައި 86،000ރ. އަށް ވުރެ ގިނަ ރުފިޔާ ނުދައްކާހުރިކަމަށެވެ. އަދި އެ ފައިސާ ދައްކާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ކަމަށް އެ ހުކުމުގައި ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުގެ މި ހުކުމާއެކު އެ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް އިންތިހާބަކާ ނުލައި ވަނީ ހޮވިފައެވެ.