ގުޅީފަޅު ހިއްކުން ހުއްޓާލުމަށް ހައިކޯޓުން ބުދަ ދުވަހު ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
ސުޕްރީމް ކޯޓަށް ބަންޑާރަނައިބުގެ އޮފީހުން ހުށަހެޅި މައްސަލައިގައި މިއަދު ކުރި އަމުރުގައި ބުނެފައިވަނީ, ގުޅީފަޅު ހިއްކުން ހުއްޓާލުމަށް ހައިކޯޓުން ކުރި އަމުރު މިވަގުތު ފަސްނުކޮށްފިނަމަ, އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެން ދިއުމުގެ އިމްތިމާލު ފާޅުކަން ބޮޑުކޮށް ފެންނަން އެބައޮތްކަމަށެވެ.
މިހެންކަމުން ސުޕްރީމް ކޯޓުން ވަކިގޮތަކަށް އަމަލުކުރުމަށް އަންގަންދެން, ނުވަތަ މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތަކަށް އަމަލުކުރުމަށް އަންގަންދެން, ނުވަތަ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ހައިކޯޓުގެ އަމުރާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ތިމާވެއްޓަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުވާކަމަށް ބުނެ އަމިއްލަ މީހަކު ހުށަހެޅި މައްސަލައެއްގައި ބުދަ ދުވަހު ހައިކޯޓުން ވަގުތީ އަމުރެއް ނެރި ވަނީ ގުޅީފަޅު ހިއްކުން ހުއްޓާލުމަށް އަމުރުކޮށްފައެވެ.
މިމައްސަލައިގައި އުޝާމް ވިދާޅުވީ, ގުޅިފަޅު ޕްރޮޖެކްޓަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއްކަމަށެވެ. އަދި ގުޅިފަޅު ބިން ހިއްކުމުގެ %80 ވަރު މިހާރު ނިމިފައިވާއިރު، މިމަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެކަމަށެވެ.
“ދައުލަތުގެ ފަރާތުން މިނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މިހާރު ވާނީ ނިންމާފަ,” -ބަންޑާރަ ނައިބު-
މި މައްސަލަ އެންމެ ފުރަތަމަ ސިވިލްކޯޓަށް ހުށަހެޅުމުން ވަނީ މައްސަލަ ނިމެންދެން ވަގުތީ އަމުރެއް ނެރެދޭނެތަނެއް ނެތްކަމަށް ބުނެފައެވެ. ނަމަވެސް ހައިކޯޓުން ބުނަ ދުވަހު ވަނީ މައްސަލަ ނިމެންދެން ބިންހިއްކުން ހުއްޓާލަން އަމުރުކޮށްފައެވެ.
ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއެވެ. ގުޅީފަޅުގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކާފައިވަނީވެސް އެކުންފުނިންނެވެ. ގުޅީފަޅު ހިއްކުމުގެ ދެ ވަނަ ފިޔަވަހީގައި ގުޅީފަޅު ހިމެނޭ ސަރަޙައްދުން 192 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ، 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާއަށެވެ.
ގުޅީފަޅު ހިއްކުން ހައިކޯޓުން ހުއްޓުވިއިރު، އެ ފަޅުން 100 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ވަނީ ހިއްކައި ނިންމައިފައެވެ. ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ނިންމާފައި އޮތީ ގުޅީފަޅު ހިއްކަން 24 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅަން ކަމަށެވެ. ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ އިތުރު 21 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދު ހިއްކައި، 85 ހެކްޓަރުގެ ބިން ގުޅީފަޅަށް އިތުރު ކުރަން ކަމަށެވެ.
ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމް ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ.