އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުޑަހުވަދޫ އާއި ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ އެއްވަނަ މަގާމް ހޯދައިފި އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗު ކުޑަހުވަދޫ އަތުން ނިއު މޮޅުވީ 6-0 ލަނޑުގެ ނަތީޖާއަކުންނެވެ.
ނިއު އިން މި މެޗްގައި ލީޑު ނަގާފައިވަނީ މެޗްގެ 18 ވަނަ މިނިޓްގައި ގަލާޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ނިއު އަށް ލިބުނު ކޯނަރެއް ހުސެއިން ބޮލުން ޖައްސާލި ވަގުތު އެއް ފަހަރުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. ނިއު އިން ލީޑު ނެގިތާ ފަސް މިނިޓް ފަހުން ކުޑަހުވަދޫގެ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާ ނަގާ ނިއުގެ ލީޑު އިތުރަށް ފުޅާކޮށްދީފައިވަނީ އަލީ ފާސިރު(ސެންޓޭ)އެވެ.
ނިއު ރޭޑިއަންޓުން މި މެޗްގައި ޖެހި ތިންވަނަ ލަނޑު މެޗްގެ 62 ވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަލީ އަޝްފާގް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އަލީ ފާސިރު ނެގި ހިލޭ ޖެހުމެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އަދި އޭގެ ދިހަ މިނިޓް ފަހުން އަލީ އަޝްފާގު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 4-0 އަށް ބަދަލު ކޮށްފައެވެ. ނިއު ރޭޑިއަންޓުން މި މެޗްގައި ޖެހި ފަސް ވަނަ ލަނޑު މެޗްގެ 75 ވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަސަން އަދުހަމް އެވެ. އަދި މެޗްގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް މާކޮވިޗް ސްޓެވާން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 6-0 އަށް ބަދަލު ކޮށްފަ އެވެ.
މި ނަތީޖާއާއެކު ކުޅުނު ހަ މެޗުން 15 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައަށް ނިއު ޖެހިލި އިރު ތާވަލުގެ ދެވަނާގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނާގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.އަދި ތާވަލުގެ ހަތަރުވަނާގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއަށް ހަ މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.