English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އަދި ހުޅުދޫ އަވަށުގެ ރައްޔިތުން ފެރީގައި ކާރު ގެންދެވޭނެ ފުރިހަމަ ފެރީ ނިޒާމެއް ގާއިމުކޮށްދެއްވާނެކަމަށް، ކުރިޔަށް އޮތް ލޯކަލް އިންތިޚާބަށް ސިޓީ ކައުންސިލް މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެ އެވެ.

ލަތީބެ މިހެން ވިދާލުވީ އޭނާގެ ކެމްޕޭން ޓީމުގެ ފަރާތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދޭ “ރައްޔަތުންގެ ސުވާލަ ލަތީބެއަށް” ޝޯވ ގައި ހުޅުދޫ ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރޭގެ ޝޯވގައި ލަތީބެ ވިދާޅުވީ، ލަތީބެގެ މޭޔަރުކަމުގައި ޓްރާންސްޕޯޓަށް ހެޔޮ ބަދަލެއް ގެނެސް، އައްޑޫ ސިޓީގެ މީދޫ އަދި ހުޅުދޫ އަވަށުގެ ރައްޔިތުން، ސިއްހީ ފަރުވާ ހޯދުމަށް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ދަތުރުކުރެވޭނެ ފަސޭހަ ޓްރާންސްޕޯޓް ނިޒާމަށް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން، ހުޅުދުއާއި މީދޫ، ހިތަދުއާއި ގުޅާލާ ބްރިޖް ނިމެންދެން މަޑުނުކޮށް، މިހާރު އޮތް ފެރީ ނިޒާމު އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމުގެގޮތުން، އުޅަނދުތަށް އަރުވައިގެން ދަތުރުކުރެވޭ ވަރަށް ފެރީގެ ޚިދުމަތް ތަރައްގީކުރައްވާނެ ކަމަށް ލަތީބެ ވިދާޅުވި އެވެ.

“މަގޭ އުއްމީދަކީ ފެރީއަށް ކާރު އަރުވައިގެން ދެވޭގޮތަށް، ފެރީ ނިޒާމު ތަރައްގީކުރުން. ކާރާއި، ސައިކަލާ އެއްކޮށް އެ ދެއަވަށުގެ ރައްޔިތުންނަށްދަތުރުކުރެވޭނެ ފެރީ ނިޒާމެއް ގާއިމުކުރެވޭތޯ ބަލާ ވަރަށް ބޮޑަށް އެ ގާއިމުކުރުމަށް މަސައްކަތް ކުރާނަން. މިކަހަލަ ކަންކަމަކީ، މަސައްކަތް ކޮށްފިނަމަ ވާނެ ކަންތައްތައް. ހުޅުދޫމީދޫ ބްރިޖް އަޅާ ނިމެންދެން ކާރު އަރުވައިގެން އޭގެތެރޭގައި ތިބެގެން މި ދެ އަވަށުގެ މީހުންނަށް ހިތަދުއަށް ދެވޭނެ ގޮތް އަޅުގަނޑު ހަދައިދޭނަން” ލަތީބެ ވިދާޅުވި އެވެ.

ރޭގެ ޝޯގައި ހުޅުދޫ އަދި މީދޫގެ ރައްޔިތުން ލަތީބެއް ގިނަ ސުވާލުތަކެއް ކުރިމަތި ކުރި އެވެ. އޭގެ ތެރޭގައި ތައުލީމާއި، ސިއްހީ ޚިދުމަތާއި، އަދި ބޯހިޔާވަހިކަމާއި ގުޅުން ހުރި ސުވާލުތަށް ހިމެނެއެވެ. އެގޮތުން މީދޫ ހުޅުދޫ ރައްޔަތުންނަށް އައްޑޫ ސިޓީގެ ގުޅިފައިވާ އެހެން ރަށްތަކުން ބަންޑާރަ ގޯތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެދެ އަވަށުގެ ރައްޔިތުންނަށް ހިތަދުއަށް ނުގޮސް އަވަށުގައި ތިބެގެން ސިއްހީ ފަރުވާ ލިބޭ މިންވަރަށް ސިއްހީ މަރުކަޒު ތަރައްގީ ކުރައްވާނެ ކަމަށް ލަތީބެ ވަނީ ވިދާޅުވެފަ އެވެ. ވަކިން ޚާއްސަކޮށް ސަރުކާރުން ސިއްހީ މަރުކަޒު ދަމަނަވެއްޓަކަށް ބަދަލުކުރަން އުޅޭތީ، އެކަމާއި ލަތީބެ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ހުޅުދޫ އަދި މީދޫ ރައްޔިތުން ކަނޑު ފަތާފަ ފަރުވާ ހޯދަން ހިތަދުއަށް ދާ މަންޒަރު މިއީ ބަލަން އެހާ ފަސޭހަ މަންޒަރެއް ނޫން. އަހަރެންގެ އަޒުމަކީ އަހަރެންގެ މޭޔަރުކަމުގެ ފުރަތަމަ 60 ދުވަހުގެ ތެރޭގައި އެދެ އަވަށަށް ނިސްބަތްވާ ސިއްހީ މަރުކަޒުގައި ރޭޑިއޮލޮޖީގެ ޚިދުމަތް ގާއިމުކުރުން. ސަރުކާރުގެ ބަޖެޓުން މިކަން ހަމަނުޖެހިއްޖެނަމަ، އަމިއްލަ ޖީބުން ޚަރަދުކޮށްގެން ނުވަތަ އައްޑޫ ވިޔަފާރިވެރިންގެ ކައިރީ އާދޭސްކޮށްގެންނަމަވެސް މިކަން ކުރާނަން. އަޅުގަނޑު އެދެ އަވަށުގެ ރައްޔިތުންނަށް އެޔަގީންކަން ދެން.” ލަތީބެ ވިދާޅުވި އެވެ.

ލަތީފް ވަނީ އައްޑޫ ސިޓީގެ ތަރައްގީއާއި ކުރިއެރުމަށް ގިނަ ސިޔާސަތުތަށް ރާވާ އެކަން ސޯޝަލް މީޑީއާ ޕްލެޓްފޯމްތަކުން ރައްޔިތުންނާ ހިއްސާ ކުރައްވަމުންނެވެ. މި ސިޔާސަތުތަކަށް ބަލާއިރު، ސިޓީގެ އެހެން އަވަށްތަކާ ވަކިން އޮންނަ ދެއަވަށް ކަމަށްވާ ހުޅުދޫ އަދި މީދޫގައި ގިނަ ކަންކަން ކުރެއްވުމަށް ލަތީފް ގެންދަވަނީ ވައުދުވެވަޑައިގަންނަވަމުންނެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމާއި މަސްވެރިކަން ތަރައްގީކުރުމާއި، ފަތުރުވެރިކަމާއި، ދަތުރުފަތުރާއި ގުޅުންހުރި ގިނަ ކަންކަން ހިމެނެއެވެ.