މާދަމާއަކީ މިއަހަރުގެ ފިތުރުޒަކާތް ބަލައިގަންނަން ފަށާ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވާ ދުވަހެވެ. އެހެންނަމަވެސް އެމަސައްކަތް އައްޑޫސީޓީގައި މާދަމާ ނުފެށޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައިފިއެވެ. އައްޑީސިޓީގައި އެމަސައްކަތް މާދަމާ ނުފެށެނީ ކައުންސިލާ ގުޅިގެން އެމަސައްކަތް ކުރުމަށް ހުރަސްތަކެއް ހުރުމުން ކަމަށް އިސްލާމިކް މިނިސްޓްރީން މިވަގުތު އައްޑުއަށް ފޮނުވާފައިވާ ކޯޑިނޭޓަރ ވިދާޅުވިއެވެ. “މިކޮޅުގައި (އައްޑޫގައި) ކައުންސިލާ ގުޅިގެން އެ މަސައްކަތައް ކުރުމަށް ހުރަސްތަކެއް ދިމާވެފައިހުރީ. އެކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑު މިހުރީ މިކޮޅަށް ފޮނުވާފައި،” ކޯޑިނޭޓަރ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރުހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މާދަމާ ފަށްޓަވާނެ ކަމަށެވެ. “މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާފައި ރަނގަޅު ގޮތްތަކެއް ހަމަޖައްސަން މިއުޅެނީ. އޭގެ މާނައަކީ އެންމެ ފުރަތަމަ ކަމަކަށް ކުރެވޭނީ މިކޮޅުގެ ފަގީރުންގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތް. މިދޭތެރެއިން ހުޅުވާލި ފުރުސަތުގައި އެބަތިބި ބަޔަކަށް އެފުރުސަތު ނުލިބި. އެހެންވީމާ އަލުން އެފުރުސަތު އިތުރުކޮށްގެން މިހާރު މިގެންދަނީ އަނެއްކާވެސް ފުރުސަތު ނުލިބިހުރި ފަރާތްތަކަށް ފުރުސަތުދެވޭ ކަހަލަ ގޮތަކަށް،” ކޯޑިނޭޓަރ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ކުރަމުންދާއިރު ޒަކާތް ބަލައިގަތުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދިޔުމުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޒަކާތް ބަލައިގަތުމުގެ މަސައްކަތް އައްޑޫގައި ފެށޭނީ ޒަކާތް ބަލައިގަންނަ ތަންތަނާއި އެފަދަ ކަންކަމަށް ހައްލެއް ގެނެސްފައި ކަމަށެވެ. މާދަމާ އެކަމަށް ހައްލެއް ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. “އަޅުގަނޑުމެން ޒަކާތް ބަލައިގަންނާނީ ކޮންމެ އަވަށެއްގައި ވަކިން. މިސާލަކަށް ސަރުކާރުގެ މުއައްސަސާއެއް ހުރެއްޖެއްޔާ އެ މުއައްސަސާއެއްގެ ވެރިންނާ ވާހަކަ ދައްކައި އެކަން ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖައްސާނެ. ހިތަދޫގައި ވެއްޖެއްޔާ އެބަހުރި އަޅުގަނޑުމެންގެ ޔުނިޓެއް،” ކޯޑިނޭޓަރ ވިދާޅުވިއެވެ. ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވަނީ ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށެވެ. އެހެންނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ސިޓީކައުންސިލާއެކު ވަކިކަހަލަ ކަންތައްތަކަށް އެއްބަސް ނުވެވި އޮތުމުން މިހިސާބަށް ކަންތައް އައީ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ކޮންކަންކަމެއް ކަމެއް ވިދާޅެއް ނުވެއެވެ. “އައްޑޫސިޓީ ކައުންސިލާ މުއާމަލާތް ކުރުމުގައި ހުރަސްތަކެއް އެބަހުރި. އެހެންނަމަވެސް އެކަމަށް ހައްލެއް ނުލިބި މިހާރުވެސް މިދިޔައީ. ދިޔާމައި ގޯހުންގޯހަށް ނުދަނީސް އެއަށް އިތުރު ހައްލެއް ހޯދުމަށްޓަކައި އަޅުގަނޑު މިކޮޅަށް ފޮނުވާފައި މިހުރީ. ޒަކާތް ބަލައިގަންނަން މާދަމާ މިކޮޅުގައި ނުފެށުނަސް އަޅުގަނޑުމެން ކުރިއަށްއޮތް ދެތިން ދުވަހެއްގެ ތެރޭގައި ޒަކާތް ބަލައިގަންނާނެ ތަންތަނާއި އެގޮތްތައް އަންގާލަ ދޭނަން،” ކޯޑިނޭޓަރ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާފައި މިއަހަރު އެގޮތަށް ވިޔަނުދީ ރައްޔިތުންނަށް ފަސޭހައިން އެކަންކުރެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚެއް ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ތާރީޚަކީ ޖޫންމަހުގެ 22 އެވެ. އެހެންނަމަވެސް މާދަމާ އައްޑޫގައި އެމަސައްކަތް ނުފެށުމުން އައްޑޫގައި އެކަން ކުރިއަށްދާނެ ގޮތެއް އަދި އޮތީ ނޭގުމެއްގެ ތެރޭގައެވެ.