English Edition
Dhivehi Edition

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަށް ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 24 މާރިޗު 2021 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

އީލެކްޝަން ކޮމިޝަނުންވަނީ މި ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ، “ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު” މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް އެދިފައެވެ.

މި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 23 ވާ އަންގާރަ ދުވަހުން ފެށިގެން 24 ވާ ބުދަ ދުވަހު ހެނދުނު 08:30 އިން މެންދުރުފަހު 01:00 އަށް މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާ އަދި ސިޓީ ކައުންސިލް އިދާރާ / އަވަށު އޮފީސްތަކުންނެވެ. މާލޭގައިނަމަ، ފޯމު ބަލައިގަންނާނީ އިންތިޚާބާބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށެވެ.

މި ރަޖިސްޓަރީ ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ. މީގެއިތުރުން ((VR space IDNO Send to 1414އެސް.އެމް.އެސް މެދުވެރިކޮށްވެސް ޗެކްކުރެވޭނެއެވެ.