English Edition
Dhivehi Edition
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އީސީ)

ސިޔާސީ ޕާޓީތަކަށް ހުށަހަޅަން ލާޒިމްކުރާ ،އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާ 3 ޕާޓީއެއް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާ ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިދިޔަ މާޗު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވަންޖެހޭ އަހަރީ ރިޕޯޓު، ތިން ޕާޓީއަކުން ފޮނުވާފައި ނުވާ ކަމަށާއި އެ ތިން ޕާޓީ ވެސް 20،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ އެ މުއްދަތުގެ ނިޔަލަށް ރިޕޯޓު ފޮނުވާފައި ނުވަނީ ތިން ޕާޓީން ކަމަށާއި އެއީ އެމްޓީޑީއާއި އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސް ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެ ރިޕޯޓު، އިލެކްޝަންސް ކޮމިޝަނާ އޮޑިޓަރ ޖެނެރަލަށް ހުށަހަޅަން ޖެހެއެވެ.

ޕާޓީގެ އަހަރީ ރިޕޯޓުން ޕާޓީގެ މަގްސަދުތައް ހާސިލުކުރަން މަސައްކަތް ކޮށްފައިވާކަން ފެންނަން ޖެހެއެވެ. އަދި ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބެހުމުގައި އެ ކޮމިޝަނުން އެ ރިޕޯޓު ހުށަހަޅާފައިވޭތޯ ބަލައި އެކަމަށް ރިއާޔަތް ކުރާނެއެވެ.