English Edition
Dhivehi Edition

ކޮވިޑް ވެކްސިނޭޝަންގެ ފުރަތަމަ ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު ގއ އަތޮޅުން މިހާތަނަށް 4،570 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ގއ. އަތޮޅުގެ ކޮމިއުނިޓީ ހެލްތު އޮފިސަރު އަސްމާ އަބުދުﷲ ވިދާޅުވެއްޖެއެވެ.

ގއ. އަތޮޅުގައި ވެކްސިން ދިނުމާއި ބެހޭގޮތުން އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން އަސްމާ ވިދާޅުވީ، މިހާތަނަށް ވެކުސިން ދެވިފައިވާ ރަށްތަކުގެ ތެރޭގައި ގއ. ވިލިނގިލިން 1،618 މީހަކާއި މާމެންދޫއިން 304 މީހަކާއި ގެމަނަފުށިން 332 މީހަކާއި، ދެއްވަދޫއިން 329 މީހަކާއި، ކަނޑުހުޅުދޫއިން 192 މީހަކާއި، ނިލަންދޫ 127 މީހަކާއި، ކޮލަމާފުށިން 451 މީހަކާއި ދާންދޫއިން 341 މީހެއްގެ އިތުރުން ކޮނޑޭއިން 128 އަދި ގއ އަތޮޅުގެ 5 ރިސޯޓެއްގެ 748 މީހަކަށް ކޯވިޑް ވެކުސިން ފުރަތަމަ ޑޯޒް ދީފައިވާނެކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން އައީ އިންޑިއާއިން ހަދިޔާކޮށްފައިވާ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ނަމަވެސް މިހާރު ވަނީ އިތުރު ދެ ވެކްސިނަކަށް ހުއްދަ ދީފައެވެ. އެއީ ޗައިނާގެ ސިނޯފާމާއި، ފައިޒާ-ބަޔޯންޓެކް ވެކްސިނެވެ. ކޮވިޑް-19 އިން ދިފާޢުވުމުގެ ގޮތުން ރާއްޖޭގައި މިހާތަނަށް 218،912 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މަޢުލޫމާތުދެއެވެ.

ކޯވި-ޝީލްޑުގެ ދެވަނަ ޑޯޒު އާއްމުކޮށް ޖަހަން ފަށަން ނިންމާފައިވަނީ އޭޕްރީލް މަހުގައެވެ.