English Edition
Dhivehi Edition

ގއ. އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތް ދަށްވުމާއި ގުޅިގެން ރައްޔިތުން ނިކުމެ ހޮސްޕިޓަލުގެ ނަން، ގއ. ވިލިނގިލި ހެލްތު ޕޯސްޓަށް ބަދަލުކޮށްފިއެވެ.

ގއ. ވިލިނގިލީގައި ހާލު ދެރަވި ކުޑަކުއްޖަކު އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ އިންތިޒާމުތައް ހަމަނުޖެހި ލަސްވުމާ ގުޅިގެން އެ ރަށުގެ ގިނަ ބަޔަކު ހޮސްޕިޓަލު ކައިރީ އިހުތިޖާޖުކުރުމުގެ ތެރެއިން، ހޮސްޕިޓަލުގެ ނަން ބޯޑުގައި ކަރުދާހުން “ގއ. ވިލިނގިލި ހެލްތު ޕޯސްޓް” ޖަހައި ތަތްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ގްރޭޑް 7 ގައި ކިޔަވަމުން ދިޔަ ކުޑަކުއްޖަކު ރޭގެ ވަގުތެއްގައި ހޮޑުލުމާ ގުޅިގެން ޑޮކްޓަރަށް ދައްކާފައިވެއެވެ. އަދި ބޭސް ދިނުމަށްފަހު ޑޮކްޓަރު އެކުއްޖާ ގެއަށް ދޫކޮށްލި ފަހުން ރޭގެ ވަގުތެއްގައި ކުއްޖާގެ ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ކުއްޖާ އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ކުއްލިއަކަށް ނޭވާ ހުއްޓި ވެންޓިލޭޓަރަށް ލާންޖެހުނުކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދެއެވެ.

ކުއްޖާގެ ސިކުނޑިއަށް ލޭއެޅިފައިވާއިރު އެކުއްޖާއަށް ޝޮކެއް ޖެހިފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ، މި ނޫހަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެންދެވޭނީ މެންދުރުފަހުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރ ޝަންވީލް މުޙައްމަދު ވިދާޅުވީ، ކުއްޖާ މާލެ ފޮނުވުމުގެ ކަންކަން ކުރައްވަމުން ދާ ކަމަށާއި ކަމުގެ ސާފު މަޢުލޫމާތު އަދި މީޑިއާއަށް ދެވެން ނެތް ކަމަށެވެ.

ރައްޔިތުން ނިކުމެ ހޮސްޕިޓަލުގައި އިހުތިޖާޖު ކުރަމުންދާއިރު، ފުލުހުންވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.