އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި އއ.މާޅޮހާއި ކުލަބު ގްރީން ސްޓްރީޓްސް ވާދަކުރި މެޗު ފަސޭހަކަމާއި އެކު ގްރީން ސްޓްރީޓުން ކާމިޔާބުކޮށްފިއެވެ. ރޭ ލީގުގައި އއ. މާޅޮސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުން ގްރީން ސްޓްރީޓް މޮޅުވެފައިވަނީ 5 ލަނޑު 0 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.
ސަސްޕެންޝަނުގެ ސަބަބުން ގްރީނުން މުހިންމު ތިން ކުޅުންތެރިން ކަމުގައިވާ ކެޕްޓަން ފަރުހާދު، ވައިސް ކެޕްޓަން ޝައްފާޒު އަދި ފޯވާޑް ސުބޮލް އިލިއާ ނުލައި ކުޅެން ނިކުތް މިމެޗުގެ ގްރީން ސްޓްރީޓްގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނިޓްގައި ޖަހާދީފައިވަނީ އިބްރާހިމް ރިޒުހާންއެވެ. ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ގްރީން ސްޓްރީޓްސް އަށް ލީޑުފުޅާކޮށްދިނީ އަހުމަދު ނިޒާމްއެވެ. މި ލަނޑު ނިޒާމްބެ ޖަހާފައިވަނީ އޭރިއާ ތެރެއިން އައްމަޑޭ ނަގައިދިން ހުރަސް ކީފަރުފައިގައި ޖައްސައި ގޯލް ތެރެއަށް ވައްދައިގެންނެވެ.
ރޭގެ މެޗުގެ ދެވަނަ ހާފުގައިވެސް ގްރީނުން ވަނީ މާޅޮސްގެ ގޯލައަށް ނުރައްކާތެރި ގިނަ ހަމަލާތަށް ފޮނުވާލާފައެވެ. މިގޮތުން މެޗުގެ 57ވަނަ މިނެޓުގައި ގްރީނުން މެޗުގެ ތިން ވަނަ ލަނޑު ޖަހައި ލީޑް ފުޅާކުރިއެވެ.ރޭގެ މެޗުގެ ތިންވަނަ ލަނޑު ޕެޓްރޯ ކޮވަލްޗުކް ކާމިޔާބުކުރި އިރު ހަތަރުވަނަ ލަނޑު ޖަހައިދިނީ ނިޒާމެވެ.އަދި ގްރީނުގެ ފަސްވަނަ ލަނޑު އިތުރު ވަގުތުގައި ޖަހައިދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަލީ ޝާމިސްއެވެ.
މި މޮޅާ އެކު ގްރީން ސްޓްރީޓަށް ތާވަލުގެ ތިން ވަނަ ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް ނިއުރޭޑިއަންޓަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ ހަތަރު ވަނައެވެ.