English Edition
Dhivehi Edition

ކޮވިޑް -19 ގެ ބަލިމަޑުކަމުގެ ސަބަބުން ގައިދުރުކޮށް ސަފު ހެދުމަކީ ހުއްދަ ކަމެއް ކަމަށް އިސްލާމީ ފަތުހާ ދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.

ނަމާދުގެ ޖަމާއަތް މިސްކިތްތަކުގައި ޤާއިމް ކުރުމާމެދު ދީނުގައި ކަންއޮތްގޮތް ހާމަ ކޮށްދެއްވަމުން ފަތުވާ މަޖްލީހުން ބުނީ ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި ދީނީ އިޖުތިމާއީ ބައެއް ކަންކަން އަދާކުރުމުގައި އާންމު ހާލަތާ އެއްގޮތަށް އަމަލުކުރުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށާއި އަދި އެފަދަ ކަންކަމުގެ ސަބަބުން ވައިރަސް ފެތުރުމަށް މަގުފަހިވެ، ބަލިމަޑުކަން އިތުރަށް ފެތުރުމަށް އެހީވެދޭނެތީ އިސްވެ އިޖްތިމާއީ ގައިދުރުކޮށްގެން ހެދޭ ފަރުޟު ނަމާދުގެ ޖަމާއަތާއި، ހުކުރު ނަމާދުގެ ޖަމާއަތް މަކްރޫހަ ކަމަކާއި ނުލައި ސައްހަވާނެ،ކަމަށް ދުނިޔޭގެ ވަރަށް ގިނަ ޢިލްމުވެރިން އެއްބަސް ވެފައިވާކަމަށެވެ.

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ މިފަދަ ހާލަތެއްގައި ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް ބޯލެނބުމަކީ ދީނީ ގޮތުން ވާޖިބު ކަމެއް ކަމަށާއި އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މިޙާލަތުގައި ޖަމާޢަތުގައި ނަމާދު ކުރާ މީހުންނާއި ހުކުރު ނަމާދު ކުރާމީހުންނަށް އިޖްތިމާޢީ ގައިދުރުކޮށްގެން ސަފު ހަދައިގެން ނަމާދު ކުރެވޭނެ ކަމަށެވެ.

ސިއްހީ ގޮތުން ލާޒިމުކުރާ އިޖުރާއަތުތަކަށް ތަބާވުން ވާޖިބު ކަމަކަށް ވާއިރު، އެއީ އުމުރުގެ ގޮތުން ވިޔަސް، ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ ކަމަކަށް ވިޔަސް، އަދި ނަމާދުކުރާ މީހުންގެ ސިއްހީ ހާލަތާއި ގުޅިފައިވާ ކަމަކަށް ވިޔަސް، އަދި މިސްކިތަށް ވަނުމުގެ ކުރިން އަދާކުރަންޖެހޭ ކަމަކަށް ވިޔަސް، އިތުބާރު ހުރި ސިއްހީ މާހިރުން އެކަމަށް ދެއްވާ އިރުޝާދަށް ބޯލެނބުމަކީ ދީނީގޮތުން ވާޖިބު ކަމެއް ކަމަށް ފަތުވާ މަޖިލީހުން ވަނީ ބުނެފަ އެވެ.

ފަތުވާ މަޖިލީހުން ބުނީ އިތުބާރު ހުރި ސިއްހީ މާހިރުންގެ ލަފަޔާ އިރުޝާދާ ހިލާފަށް ތަންތަނަށް ޖަމާވެ ހެދުމަކީ އެމީހަކު ފާފަވެރިވާނެ ކަމެއް ކަމަށެވެ. އަދި އެގޮތަށް ކުރާ ކަމެއްގެ ފަރުދީ ޒިންމާ އެމީހަކު އުފުލަން ޖެހޭނެ ކަމަށެވެ.

“ދުނިޔޭގެ ގައުމުތަކުގެ ފަތުވާ މަޖިލިސްތަކުން އެއްބަސްވެފައިވަނީ އެގޮތަށް އަމަލުކޮށް ކަމުގެ ހުރުމަތް ކަނޑާލުމާއި އެކަމުގެ ސަބަބުން ބަލި އިތުރަށް ފެތުރޭނެ ގޮތް ތަނަވަސްވެ ތިމާގެ ނަފްސާއި މުޖުތަމައު ކޮވިޑްގެ ކާރިސާގެ ނުރައްކަލަށް ހުށަހެޅުމަކީ ހަރާމް ކަމެއް ކަމަށެވެ.”

ފަތުވާ މަޖްލިހުން މިމައްސަލާގައި ކަން އޮތް ގޮތް ސާފު ކޮށްދިން މި ދަނޑިވަޅަކީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން އެންގުމާއި ގުޅިގެން ބައެއް ޢިލްމު ވެރިންގެ މެދުގައި ޚިޔާލު ތަފާތު ވެފައިވާ ދަނޑިވަޅެކެވެ.