English Edition
Dhivehi Edition

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ދައުރު ހަމަވިތާ ދެ އަހަރެއްހާ ދުވަސް ފަހުން އާ މެމްބަރުން އައްޔަންކޮށްފި އެވެ.

އެކަން އިއުލާންކުރެއްވީ އިއްޔެ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހަންމަދެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މަޖިލީހުގައި ފަސް މެމްބަރުން ތިއްބެން ޖެހެ އެވެ. ނަމަވެސް، އެ ތަނުގައި މިހާތަނަށް ހުންނެވީ ރައީސްގެ މަގާމު ފުރުއްވާ ޑރ. މުހައްމަދު ރަޝީދު އިބްރާހިމް އެކަންޏެވެ.

ފަތުވާ މަޖިލިހުގެ ރައީސް މުހައްމަދު ރަޝީދު އިބްރާހިމް އެ މަޖިހުގައި މިހާރު ފުރުއްވަމުން ގެންދަވަނީ އޭނާގެ ދެވަނަ ދައުރެވެ. އޭނާގެ މަގާމުގެ ދައުރު ހަމަވާނީ 2027 އަށެވެ.

ބާކީ މެމްބަރުންގެ ދައުރު ހަމަވެފައި އޮންނަތާ މިހާރު ދެ އަހަރު ވަނީ ވެފައެވެ. ފަތުވާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާނީ މެމްބަރުންގެ އަޢުލަބިއްޔަތުން ފާސްވެގެންކަމަށްވާއިރު، މެމްބަރުންގެ ދައުރު ހަމަވެފައިވާތީ މަޖިލީހުގެ މަސައްކަތްތައް ވަނީ އެއްކޮށް ހުއްޓިފައެވެ.

ފަތުވާ މަޖިލިސް އަލުން އެކުލަވައިލުމުގެ ކަންކަން ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ފަތުވާ މަޖިލިހަށް ހަތަރު މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

އެކަމަކު، އެއީ ކޮން ބޭފުޅުންތަކެއް ކަމަށް ވިދާޅެއް ނުވެ އެވެ. މިހާރު އެ މަޖިލިހުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.