English Edition
Dhivehi Edition

ރާއްޖޭގެ ފަތުވާ ކައުންސިލް އެކްޓިވޭޓް ކުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިސްލާމިކް މިިނިސްޓްރީއަށް، ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލައްވާފައި މިވަނީ “ޔޯގާ” އާގުޅިގެން ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އަދި ރާއްޖޭގެ ސިޔާސީ ބައެެއް ލީޑަރުންނާއި ޢާންމުންގެ މެދުގައި ވެސް މިކަމަށް ބަހުސް ކުރަމުންދާ ދުވަސްވަރެއްގައެވެ.

ޑރ. ޝަހީމް ވަނީ ގައުމު ދީނީ ގޮތުން ބައިބައިވުމަށް ޖާގަނުދެއްވުމަށް ވެސް ގޮވާލައްވާފައެވެ.

އެމަނިކުފާނު މިކަމަށް ގޮވާލާފައިވާއިރު އަދާލަތު ޕާޓީއާއި އިލްމުވެރިންގެ ގުޅުމުން ވަނީ ޔޯގާ ހަރާމްކަމަށް ވިދާޅުވެ އެކަން ހާމަކުރައްވާފައެވެ.

އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ޔޯގާއަކީ ޝިރުކެއްކަން ދަންނަބޭކަލުންގެ އިޖްމާއުއެއް ނެތް ކަމަށާއި ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ހުކުމެއްކަމަށް ބަލައިގަންނަން ދަތި ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ކަސްރަތެއްގެ ގޮތުގައި ކުރާނަމަ ޔޯގާގައި މައްސަލައެއް ނެތްކަމަށް ކުރީގެ ރައީސް، ރައީސް އަލް އުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ.