English Edition
Dhivehi Edition
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު

ރާއްޖޭގެ ރިސޯޓުތަކުގައި ދިވެހިން ވަޒީފާ އަދާކުރުމަކީ ހަރާމް ކަމެއް ކަމަށް ބުނެ ފަތުވާ ކައުންސިލުން ފަތުވާއެއް ނެރެފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިސޯޓް ވަޒީފާއަކީ ހަރާމް ކަމެއްކަމަށް ފަތުވާ ކައުންސިލުން ފަތުވާ ނެރެފައިވާ ކަމަށް ބުނެ ދެކެވެނީ “ދޮގު ވާހަކަތަކެއް ކަމަށާއި އެފަދަ ފަތުވާއެއް ނެރެފައިނުވާ” ކަމަށެވެ.

އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް, އަންގާރަ ދުވަހު ފަތުވާ މަޖިލީހުން ވަނީ މިފަދަ ފަތުވާއެއް އެ މަޖިލީހުގެ ސޯޝަލް މީޑިއާތަކުގައި އާންމުކޮށްފައެވެ. އެ ފަތުވާއަކީ މީގެ 10 އަހަރުކުރިން ނެރެފައިވާ ފަތުވާއެކެވެ. މި ފަތުވާ އެ މަޖިލީހުން އާންމުކުރުން ދިވެހި މީޑިއާތަކުގައި އެވާކަ ރިޕޯޓުކުރިއެވެ.

ފަތުވާ މަޖިލީހުން އާންމުކުރި ފަތުވާގައި ބުނެފައިވަނީ ރަލާއި އޫރުމަސް އުފައްދާ, ވިއްކާ, މުއާމަލާތް ކުރާ އަދި ހިދުމަތް ދޭ ތަންތަނުގައި މުސްލިމަކު ވަޒީފާގެ ގޮތުގައި މަސައްކަތް ކުރުމަކީ ޒަރޫރީ ނުވަތަ މަޖުބޫރީ ހާލަތުގައި މެނުވީ ހުއްދަ ކަމެއް ނޫން ކަމަށެވެ.

ފަތުވާ މަޖިލީހުން ބުނީ އެފަދަ މަސައްކަތަކުން އާމްދަނީ ހޯދުމަކީ ހަރާމްކަމެއްކަމަށް ހުރިހާ އިލްމުވެރިން އިއްތުފާގުވާކަމަށާއި އެކަން އިސްތިސްނާވަނީ ދިރިއުޅުމަށް ކުރަން އެހެން މަސައްކަތެއް ލިބެން ނެތް ޒަރޫރީ ހާލަތްތަކުގައި އެކަނި ކަމަށެވެ.

ފަތުވާ މަޖިލީހުން ބުނެފައިވަނީ އެ މަޖިލީހުން ބުރަވާ އެ ނިންމުމަކީ ކީރިތި ގުރްއާނުން އަދި ރަސޫލާ ﷺ ގެ ސުންނަތުންވެސް ސާބިތުވާކަމެއް ކަމެއް ކަމުގައެވެ.

ދެހާސް ބާވިސްވަނަ އަހަރުގެ ނިޔަލަށް 52،482 މީހުން ވަޒީފާ އަދާކުރަމުން އަންނަނީ ރިސޯޓްތަކުގައެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 10 ޕަސެންޓް މީހުން މަސައްކަތް ކުރަނީ ރިސޯޓުތަކުގައެވެ.