English Edition
Dhivehi Edition

އުތުރުތިލަފަޅު ގައި ކޯސްޓްގާޑްގެ ޑޮކްޔާޑެއް ގާއިމްކުރަން ރާއްޖެއާއި އިންޑިއާ އާއި ދެމެދު ވެފައިވާ އެއްބަސްވުންކަމަށް ބުނެ ލީކުކޮށްލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ތުހުމަތު ކުރައްވައިފިއެވެ.

އުތުރު ތިލަފަޅުގައި ކޯސްޓްގާޑްގެ ބަނދަރަކާއި ޑޮކްޔާޑެއް ގާއިމް ކުރުމަށް އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ފަތުރަމުންދާ މީހުންނަށް ފިޔަވަޅު އަޅަން ގޮވާލައި އަަލިފުށި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ރަޝީދު (ބިގޭ) ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވިސާމް ވިދާޅުވީ ލީކް ކޮށްލައިގެން އުޅޭ އެއްބަސްވުމަކީ 2016 ވަނަ އަހަރުގެ ތެރޭގައި ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ހެއްދެވި އެއްބަސްވުމެއް ކަމަށެވެ.

މީގެ އިތުރުން ވިސާމް ވަނީ ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ޕީޕިއެމްގެ ލީޑާޝިޕްގެ އިސްވެރިންނާއި މިހާރު މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ އިސްވެރިން ބައިވެރިވަޑައިގެންނެވިކަމަށް ތުހުމަތުކުރައްވާފައެވެ.

އުތުރުތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެއްބަސްވުމުގައި ވަނީ އުތުރުތިލަފަޅުގައި ޑިއުޓީ އަދާކުރާ އިންޑިއާ ސިފައިންނަށް ހަތިޔާރާއި އެނޫން ވެސް އެފަދަ ތަކެތި ގެންގުޅެވޭނެކަމަށެވެ. އަދި އެ ފެސިލިޓީގައި ހުންނަ ކޮމިއުނިކޭޝަން ސިސްޓަމްތައްވެސް އިންޑިއާ ސިފައިން ބޭނުންކުރާނެ ކަމަށް މި އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.