English Edition
Dhivehi Edition

އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓެއް ކަމަށް ބުނެ ދައުރުވަމުންދާ ލިޔެކިޔުމަކީ ސައްހަ އެއްޗެއް ނޫންކަމަށް ޑިފެންސް މިނިސްޓްރީ އިން ބުނެފިއެވެ.

އުތުރުތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެއްބަސްވުމުގައި ވަނީ އުތުރުތިލަފަޅުގައި ޑިއުޓީ އަދާކުރާ އިންޑިއާ ސިފައިންނަށް ހަތިޔާރާއި އެނޫން ވެސް އެފަދަ ތަކެތި ގެންގުޅެވޭނެއެވެ. އަދި އެ ފެސިލިޓީގައި ހުންނަ ކޮމިއުނިކޭޝަން ސިސްޓަމްތައްވެސް އިންޑިއާ ސިފައިން ބޭނުންކުރާނެ ކަމަށް މި އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން އިންޑިޔާގެ ސިފައިންގެ އުޅަނދުފަހަރަށް އެ ތަނުގައި ޤާއިމުކުރާ ވަސީލަތްތައް އެއްވެސް ހުރަހެއް ނެތި ބޭނުންކުރެވޭނެއެވެ.

މީގެ އިތުރުން އުތުރުތިލަފަޅުގައި މަސައްކަތެއް ކުރަން ކޮންޓެކްޓަރުން ހަމަޖައްސާނީ ވެސް އިންޑިއާ ސަރުކާރުން ކަމަށް ބުނެފައިވާއިރު އުތުރުތިލަފަޅުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ އާއި ދިވެހި ސިފައިން އެކުވެގެން އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީންކަމަށްވެސް ވަނީ ބުނެފައެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓެއް ކަމަށް ބުނެ ދައުރުވަމުންދާ ލިޔުމަކީ ހަގީގަތާއި ހިލާފު ދޮގު ލިޔުމެއް ކަމަށެވެ. އަދި ދިވެހި ގައުމީ ސަލާމަތާއި ދިވެހި ދައުލަތުގެ މަސްލަހަތާއި، ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އެކުލެވޭ މައުލޫމާތު ފެތުރުމުގައި ސަމާލުކަން ދިނުމަށް މިނިސްޓްރީންވަނީ އެދިފައެވެ.

މީގެ އިތުރުން ދިވެހިރާއްޖެއާއި އަވައްޓެރި ގައުމުތަކުގެ ގުޅުން ހީނަރުވެ، ދިވެހި ރައްޔަތުންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހަގީގަތާއި ހިލާފް ހަބަރާއި މައުލޫމާތު ނުފެތުރުމަށްވެސް މިނިސްޓްރީންވަނީ އިލްތިމާޒްކޮށްފައެވެ.