މިއަހަރު ސިފައިންގެ ޝިޔާރަކީ “ސިފައިންގެ ޤާބިލްކަން، ޤައުމުގެ އަމާންކަން” ކަމުގައި ސިފައިންގެ 129 ވަނަ އަހަރު ފުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވާ ވާހަކަ ދައްކަމުން މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އަސްކަރިއްޔާގެ މިއަހަރުގެ ޝިޔާރު ރަމްޒު ކޮއްދެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަރުދަނާ ވިސްނުންފުޅުކަން މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވަނީ ކަޅުތުއްކަލާ ކޮށީގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވިދާޅުވެފައެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ސިފައިންގެ އެއް އަމާޒަކީ ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރި ކޮށް ދިވެހިންނަށް ސުލްޙަވެެރިކަމާއި ދިރިއުޅެވޭނެ އަމާން މާހައުލެއް ހޯދައިދިނުން ކަމުގައި ސިފައިންގެ އިސްވެރިޔާ އަދި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވެފައިވާ ކަމަށެވެ. އެކަން ކަށަވަރު ކޮށްދިނުމައްޓަކައި ޤަައުމީ ދިފާއީ ބާރުގެ ހުރިހާ ސިފައިން ދަނީ ނުހަނު ބުރަ، މުހިންމު ދައުރެއް އަދާ ކުރައްވަމުން ކަމަށެވެ.
އަދި މީގެ އިތުރުން އެމް އެން ޑީ އެފް މިހާރަށްވުރެ ހަރުދަނާކޮށް ޤާނޫންތައް އިސްލާހުކޮށް، ޒަމާނީ ވަސީލަތްތަކާއި އާލަތްތައް ހޯދުމަށް ދަނީ ގިނަ މަސައްކަތް ތަކެއް ކުރައްވަމުންކަން މިނިސްޓަރ އޮފް ޑިފެންސް ވިދާޅުވިއެވެ. ދިވެހި އަސްކަރިއްޔާގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގާއިމް ކުރަން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ އެއް ގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުން ހޯދި އެކި އެކި ފުރުސަތު ތަކުގައި އަސްކަރިއްޔާގެ ބޭފުޅުން ހޯދި ކާމިޔާބީ އަކީ މިނިސްޓަރ ފަޙުރުވެރިވާ ކަމެއް ކަމުގައި ފާހަގަ ކޮއްފައިވެއެވެ. މީގެ އިތުރުން ސިޔާސި ނުފޫޒުން ދިވެހި އަސްކަރިއްޔާ އެއްކިބާކޮށް ދިވެހި ހުރިހާ ރައްޔިތުންވެސް ހަމަހަމަ ކަމާއެކު ސިފައިންގެ ހިދުމަތްތައް ފޯރު ކޮއްދޭނެ މަގުފަހިވެފައިވާކަން ދިވެހި ރައްޔިތުން ގަބޫލުފުޅު ކުރައްވާނެ ކަން މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަހަރުގެ ޝިޔާރުވެސް އޭގެ ހަޤީޤީ މާނައިގައި ތަމްސީލް ކޮށް ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅު ކުރުމަށް އަޒުމް ކަނޑައެޅުމަށް މިނިސްޓަރ ވަނީ ދިވެހި އަސްކަރިއްޔާއަށް އެދިވަޑައިގަތްފައެވެ.
ސިފައިންގެ ޙިދުމަތް ދިވެހިރާއްޖޭގައި ފަށާފައިވަނީ މީލާދީން 1892 ވަނަ އަހަރުއެވެ.