English Edition
Dhivehi Edition

މާލެ އަތޮޅު އުތުރުތިލަފަޅުގައި ހިއްކައިގެން ހަދަން ފަށާފައިވާ ސިފައިންގެ މަރުކަޒުގައި އިންޑިއާ ސިފައިންނަށް ޤާއިމުވެ ތިބެވޭ ގޮތަށް، ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާއިއެކު ވެފައިވާ އެއްބަސްވުން ލީކްކޮށްލައިފިއެވެ.

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ފޭސްބުކް އެކައުންޓްގައި މި އެއްބަސްވުމުގެ ކޮޕީއެއް ހިއްސާކޮށްފައިވާއިރު އެ އެއްބަސްވުމުގައި ބުނެފައިވަނީ މިއީ އުތުރުތިލަފަޅު ތަރައްޤީކޮށް ބަލަހައްޓަން އިންޑިއާ އާއި އެކުވެފައިވާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ވާ ގޮތުން އުތުރު ތިލަފަޅުގައި ޑިއުޓީ އަދާކުރާ އިންޑިއާ ސިފައިންނަށް ހަތިޔާރާއި އެނޫން ވެސް އެފަދަ ތަކެތި ގެންގުޅެވޭނެއެވެ. އަދި އެ ފެސިލިޓީގައި ހުންނަ ކޮމިއުނިކޭޝަން ސިސްޓަމްތައްވެސް އިންޑިއާ ސިފައިން ބޭނުންކުރާނެ ކަމަށް މި އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.މި އެއްބަސްވުމުގެ ދަށުން އިންޑިޔާގެ ސިފައިންގެ އުޅަނދުފަހަރަށް އެ ތަނުގައި ޤާއިމުކުރާ ވަސީލަތްތައް އެއްވެސް ހުރަހެއް ނެތި ބޭނުންކުރެވޭނެއެވެ.

މީގެ އިތުރުން އުތުރުތިލަފަޅުގައި މަސައްކަތެއް ކުރަން ކޮންޓެކްޓަރުން ހަމަޖައްސާނީ ވެސް އިންޑިއާ ސަރުކާރުން ކަމަށް ބުނެފައިވާއިރު އުތުރުތިލަފަޅުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ އާއި ދިވެހި ސިފައިން އެކުވެގެން އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީންކަމަށްވެސް ވަނީ ބުނެފައެވެ.

އުތުރު ތިލަފަޅު ގައި ކޯސްޓްގާޑްގެ ޑޮކްޔާޑެއް ގާއިމްކުރަން ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުމާއި އިންޑިޔާއިން އަލަށް ދޭން ނިންމި ލޯނުތަކާ ގުޅޭ ގޮތުން އެކުލަވައިލި އެއްބަސްވުންތައް ހާމަކުރަން ގޮވާލާ އިދިކޮޅު ކޯލިޝަނުންވަނީ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ. އޭރު އިދިކޮޅު ކޯލިޝަނުން ބުނީ އުތުރުތިލަފަޅުގައި ކޯސްޓުގާޑުގެ ޑޮކްޔާޑަކާއި ހާބަރެއް ޤާއިމުކޮށް އެތަނަކީ ދިވެހި ސިފައިންގެ ކަނޑު އުޅަނދުފަހަރު މަރާމާތު ކުރުމަށާއި ބަނދަރު ކުރުމަށް ބޭނުންކުރާ ތަނެއްގެ ގޮތުގައި ތަރައްޤީކުރުމަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ ވިސްނުންފުޅެއް ކަމަށެވެ.

އޭރު އެކަމާއި ގުޅޭ ގޮތުން އިންޑިޔާއާ މަޝްވަރާ ކުރެއްވި ނަމަވެސް އެ ޤައުމުން އެކަމުގައި ހުށަހެޅި ޝަރުޠުތަކަކީ ދިވެހިރާއްޖޭގެ ޤައުމީ މަޞްލަޙަތަށް ރަނގަޅު ޝަރުޠުތަކެއް ކަމުގައި ޤަބޫލު ނުކުރެއްވޭތީ އެކަމުގައި ރާއްޖެއާއި އިންޑިޔާގެ މެދުގައި އެ ވެރިކަމުގައި އެއްބަސްވުމެއް ޤާއިމުކުރެވިފައި ނުވާކަމަށެވެ.

މީގެ އިތުރުން މި އެއްބަސްވުމާ ގުޅޭ ބައެއް މައުލޫމާތު އޮޅުން ފިލުވުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ‘ދިޔަރެސް’ އިން އެދުމުން އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ޑިފެންސް މިނިސްޓްރީންވެސް ވަނީ މީގެ ކުރިން ބުނެފައެވެ.