English Edition
Dhivehi Edition
މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު އާއި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް. ޖެއިޝަންކަރް/ފޮޓޯ ޚާރިޖީ ވުޒާރާ

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ރާއްޖޭގައި ހޭދަކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައި އައްޑޫ އިން ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދާއި ވަކިވަކިން ބައްދަލުކުރައްވައި، ސަރުކާރުގެ 5 މިލިއަން ގަސް ޕްރޮގްރާމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން މާލޭ ލޮނުޒިޔާރަތްކޮޅުގައި ޖައިޝަންކަރު ވަނީ ގަހެއް އިންދަވާފައިވެއެވެ.

މީގެއިތުރުން، އިންޑިއާގެ އެހީގައި ކުރިއަށްދާ ތިލަފުށި ބްރިޖު މަޝްރޫޢުގެ މަސައްކަތް ބައްލަވާލައްވައި، ރަށްރަށުގައި އިންޑިއާގެ އެހީގައި ނިންމާފައިވާ މަޝްރޫޢުތައް އެމަނިކުފާނު އިފްތިތާޙުކުރެއްވިއެވެ.

ޖައިޝަންކަރުގެ ދަތުރުފުޅުގައި އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާފައިވެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވީ އިންޑިއާގެ އެހީގައި އައްޑޫގައި ނިންމާފައިވާ ދެ މަޝްރޫޢެއް ސަރުކާރާ ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ.

މިއީ ރައީސް މުއިއްޒުގެ ވެރިކަމުގައި އިންޑިއާގެ ވަޒީރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.