ދިވެހި ޅެންވެރިކަމާއި އަދަބިއްޔާތަށް ޚިދުމަތް ކުރުމަށް ހިންގާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ޝާޢިރުންގެ ވާދީގެ މަރުކަޒީ އިދާރާ ރަސްމީކޮށް ހުޅުވައިފިއެވެ. އައްޑޫސިޓީ ހިތަދޫ ކެމީ ގައި ހުރި މިއޮފީސް ހުޅުއްވައިދެއްވީ އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމްއާއި ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މަޖްލިސް މެމްބަރ ޢަލީ ނިޒާރުގެ އިތުރުން އައްޑޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޔަސްރިފެވެ.
ހުކުރު ދުވަހު ހަވީރު ކުރިއަށްދިޔަ މިރަސްމިއްޔާތު ތަޢާރަފް ކުރުމުގެ ގޮތުން ވާހަކަ ދެއްކެވީ ޝާޢިރުންގެ ވާދީގެ ރައީސް ޙަސަން ލަބީބެވެ. ލަބީބުގެ ވާހަކަފުޅުގައި ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީވެސް މޮނިޓަރިންގެ ޙާލަތުގައި ވާތީ ބޭނުންވިހާ ފުރިހަމައަށް އިދާރާ ހުޅުވުމުގެ ކަންތައް އިންތިޒާމް ކުރުމަށް ޙާލަތު ތަން ނުދިން ކަމުގައިވިޔަސް މިވަގުތަށް ޖަމްޢިއްޔާ ހިންގުމުގައި އިދާރީ މަރުކަޒެއްގެ ބޭނުން ޖެހިފައިވާތީ އޮފީސް ހުޅުވަން ނިންމެވީކަން ފާހަގަ ކުރެއްވިއެވެ.
މި ހުޅުވިގެންދާ އޮފީސް ޢިމާރާތުގެ ސަބަބުން ޖަމްޢިއްޔާގެ އިދާރީ މަސައްކަތް ހިންގުމުގައި ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ޙަސަން ލަބީބު ވިދާޅުވިއެވެ.
އޮފީސް ހުޅުވައިދެއްވަމުން ޝަރަފްވެރި މެހެމާނުންވަނީ، ޅެންވެރިކަން ދިރުވާ އާލާކުރުމާއި ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމަށް ޙަސަން ލަބީބު ހުންގާނުގައި ހުންނަވައިގެން މިފަދަ ޖަމްޢިއްޔާއެއް ވުޖޫދުވެ ޚިދުމަތް ލިބެމުން ދިއުމަކީ އެތައް ބަޔަކަށް މިކަމުގެ މަންފާ ކުރާނެ ކަމެއްކަން ފާހަގަ ކުރައްވާފައެވެ. ވަކިން ޚާއްސަކޮށް އުނގެނުމާއި އުނގަންނައި ދެމުން އަންނަ އަދުގެ ޒުވާން ޖީލަށް މިކަމަކީ ނުހަނު ބޭނުންތެރި މަސައްކަތެއް ކަމުން މިކަމަށް އުފާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ޅެންވެރިކަމާއި ބަހަށް ޚިދުމަތް ކުރުމަށް ޝާޢިރުންގެ ވާދީން ހިންގާ ޙަރަކާތްތަކުގައި އެބޭފުޅުންގެ ދާއިރާއިން ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ވެދެއްވާނެ ކަމަށް 3 ބޭފުޅުންވެސް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގެ ބައިވެރިންވަނީ ޖަމްޢިއްޔާގެ މެހެމާނުން ސޮއިކުރާ ފޮތުގައި ޝުޢޫރު ލިޔެ ސޮއި ކުރައްވާފައެވެ.
ގައިދުރުކަން ބޭއްވުމާއެކު އެޗްޕީއޭގެ މިންގަނޑު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބޭއްވި މިރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ ހިންގާ ކޮމިޓީގެ ބައެއް މެންބަރުން އެކަންޏެވެ.