English Edition
Dhivehi Edition

ޝާޢިރުންގެ ވާދީ އާއި އެކްސްޕްރެސް މީޑިއާ ގުޅިގެން ބާއްވާ “ފާންތަރި މަދަޙަ މުބާރާތް” ފަށައިފި އެވެ. މިއީ ޝާޢިރުންގެ ވާދީން ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ސިލްސިލާކޮށް ކުރިއަށް ގެންދާ މަދަޙަ މުބާރާތުގެ މިއަހަރުގެ މުބާރާތެވެ. ކުރިން މި މުބާރާތް ބާއްވަމުން އައި ގޮތަށް ބަދަލުތަކެއް ގެނެސް “ފާންތަރި މަދަޙަ މުބާރާތު”ގެ ނަމުގައި މިފަހަރުގެ މުބާރާތް ބާއްވަނީ ޝާޢިރުންގެ ވާދީގެ އިތުރުން އެކްސްޕްރެސް މީޑިއާ އާއި ގުޅިގެން ، ހަމައެކަނި އައްޑޫސިޓީއަށް ހުޅުވާލައިގެންނެވެ.

މިމުބާރާތުގެ ރެކޯޑިން ކުރިއަށް ދިޔައީ ގަމުގެ އީކުއޭޓަރ ވިލެޖުގެ ބްލޫ ލެގޫންގައި މުޙައްމަދު ވަޙީދު ޑިޖިޓަލް ސްޓޫޑިއޯގައެވެ.

މިމުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރ އަކީ އެސްއެސްޓީވީއެވެ.ޑިޖިޓަލް ޕާޓްނަރ އަކީ މުޙައްމަދު ވަޙީދު ސްޓޫޑިއޯ އަދި ގްރީން އާރޓްސްއެވެ. ސޯޝަލް މީޑިއާ ޕާޓްނަރ އަކީ އެކްސްޕްރެސް މީޑިއާއެވެ. އެންޓަޓެއިންމެންޓް ޕާޓްނަރ އަކީ ދުންމާރީ ބޮޑުބެރު ގްރޫޕެވެ.މުބާރާތުގެ ކޭޓަރިން ޕާޓްނަރ އަކީ ބީޓެކްއެވެ. ހޮސްޓިން ޕާޓްނަރ އަކީ އީކުއޭޓަރ ވިލެޖެވެ. ޕްރިންޓިން ޕާޓްނަރ އަކީ ކޮންޓްރޯލް ޕީއެވެ. އަދި ޑެކަރޭޝަން ޕާޓްނަރ އަކީ އައްޑޫ ފްރެންޑްސްއެވެ. އޭގެ އިތުރުން ކައުންސިލަރ އަޙްމަދު ސަޢީދު ގެ އެހީތެރިކަން މި މުބާރާތަށް ލިބިފައިވެއެވެ.

މި މުބާރާތް ބަހާލާފައިވަނީ 2 ގްރޫޕަކަށެވެ. އެއީ ޢާންމު ބަޔާއި މުވައްސަސާތަކުގެ ބައެވެ. ޢާންމު ބައިގައި 31 ބައިވެރިއަކު ވާދަ ކުރާއިރު 2 މުވައްސަސާއަކުން 13 ބައިވެރިން މިމުބާރާތުގައި ވާދަ ކުރާނެއެވެ. މުބާރާތުގެ ޢުމުރުފުރާ ތަކަށް ބަލާއިރު ޖުމްލަ 4 ޢުމުރުފުރާއެއްގައި ބައިވެރިން ވާދަކުރެއެވެ. އެއީ 10 އަހަރުން ދަށާއި، 15 އަހަރުންދަށާއި،އަދި 18 އަހަރުން ދަށުގެ ޢުމުރު ފުރާއެވެ. މި އިން ކޮންމެ ޢުމުރު ފުރާއަކުން ގަދަ 5 ހޮވާނެއެވެ އަދި 1 ވަނަ ، 2 ވަނަ، 3 ވަނަ ހޮވުމަށް ހަމަޖެހިފައިވެއެވެ. މުވައްސަސާ ތަކުގެ ބައިންވެސް ގަދަ 5 ހޮވާނެއެވެ. އަދި އެންމެ މޮޅު1 ވަނަ، 2 ވަނަ، 3 ވަނަ ހޮވައި އެންމެ މޮޅު މުވައްސަސާވެސް ހޮވާގޮތަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނެ ތާރީޚެއް ފަހުން އިޢުލާން ކުރެވޭނެއެވެ.

މިއީ މަދަޙަ ކިއުމުގެ ފަންނުވެރިކަމަށް މީހުން އަހުލުވެރިކުރުވައި، ކީރިތި ﷲ އާއި މާތް ނަބިއްޔާ

ގެ މައްޗަށް އޮތް ލޯބި އިތުރު ކޮށް، ދީނީ ޝިޢާރު ފާޅުކުރުމާއެކު ރަމަޟާންމަސް އިޙުޔާކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. މީގެ އިތުރުން ދިވެހި ފަސްގަނޑުން ފެންވަރު ރަނގަޅު މަދަޙަ ކިއުންތެރިން އުފަންކޮށް މިހުނަރު ތަރައްޤީކޮށް ކުރިއެރުވުމާއެކު ދިވެހި އަދަބިއްޔާތަށް ލޯބި ޖައްސައި ދިވެހިވަންތަ ރާގާއި ޅެމުގެ އުފެއްދުންތައް އިތުރުކުރުން މި މުބާރާތުގެ މަޤްޞަދުގެ ތެރޭ ހިމެނެއެވެ.

މިމުބާރާތް ކުރިއަށްދިޔައީ ފަނޑިޔާރުންގެ ޙާޟިރުގައެވެ. މަދަޙަ ހުށަހަޅާފައިވަނީ މިއުޒިކާއި ނުލައެވެ.

މުބާރާތުގައި ބައިވެރި ކޮށްފައިވަނީ މުޅިން އަލަށް ހަދާފައިވާ ޅެންތަކެވެ. އެގޮތުން 9 ޅެންވެރިއެއްގެ ޅެންތައް މިމުބާރާތުގައި ބައިވެރިކޮށްފައިވެއެވެ. މިމުބާރާތުގެ ފަނޑިޔާރުންނަކީ އަޙްމަދު ނާޞިރު، ޢަލީ ނަސީރު އަދި މުޙައްމަދު ޒަހީންއެވެ.