ދިވެހި ޅެންވެރިކަމާއި އަދަބިއްޔާތަށް ޚިދުމަތް ކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ޝާޢިރުންގެ ވާދީން އަދަބީ ގިނަ ޙަރަކާތްތައް ހިމެނޭ އަދަބީ ހަފްތާ ފަށައިފިއެވެ. އެޖަމްޢިއްޔާގެ އަހަރީ ކަލަންޑަރާއި އެއްގޮތަށް އަދަބީ ހަފްތާ ފަށާފައިވަނީ އޮކްޓޯބަރ 22 ވީ ހޮނިހިރު ދުވަހުއެވެ. އަދަބީ ހަފްތާ ފެށުމުގެ ރަސްމިއްޔާތު އޮތީ އައްޑޫސިޓީ ހުޅުމީދޫގައެވެ. މީދޫ ރާފަޅާ މައިދާނުގައި ބޭއްވި އެރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޝާޢިރުންގެ ވާދީގެ ރައީސް ޙަސަން ލަބީބެވެ. އޭގެ އިތުރުން އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ނުސްރަތު ރަޝީދާއި އެކޮމިޓީގެ ނައިބް ރައީސާ ނައުމާ ޢަބްދުﷲ އާއި މެންބަރުންގެ އިތުރުން ޝާޢިރުންގެ ވާދީގެ މުސްތަޝާރު ޝައިޚު ޢަބްދުﷲ ހާނީ އާއި ނައިބް ރައީސް ޠާއިފް މަޖީދާއި ހުޅުމީދޫ ގޮފި ހިންގެވުމާ ޙަވާލުވެ ހުންނެވި މަރިޔަމް ޝަޒްލީން އާއި ޖަމްޢިއްޔާގެ މެންބަރުންނާއި ހުޅުމީދޫ ގެ ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޝާޢިރުންގެ ވާދީގެ އަދަބީ ހަފްތާ ފެށުނީ މަރްޙަބާގެ ލަވައަކުންނެވެ. ތަޢާރަފްކޮށްދެއްވީ ހުޅުމީދޫ ގޮފީގެ ސެކްރެޓަރީ އަދި ޝާޢިރުންގެ ވާދީގެ ޚަޒާންދާރު މަރިޔަމް ޝަޒްލީން އާއި ގޮފީގެ މެންބަރު ފާޠިމަތު މާޔާ ޝަރީފެވެ. އެއަށްފަހު ޖަމްޢިއްޔާގެ ރައީސް އަދި ޝަރަފްވެރިކަމުގެ ޤައުމީ އައްޑަނައިގެ ވެރިޔާ ޙަސަން ލަބީބުގެ ވާހަކަފުޅު ދެއްކެވުން އޮތެވެ. ރައީސްގެ ވާހަކަފުޅުގައި ޝާޢިރުންގެ ވާދީގެ ހުޅުމީދޫ ގޮފިން އަދަބީ ހަފްތާގެ ފެށުން އިންތިޒާމް ކުރެއްވި ގޮތުގެ ފުރިހަމަ ކަމުގެ މައްޗަށް ތަޢުރީފް ކުރެއްވުމާއެކު، ރަށުން ބޭރުން ރަސްމިއްޔާތަށް ވަޑައިގެންނެވި ފަރާތްތަކަށް ދެއްވި މެހްމާންދާރީގެ ފުރިހަމަކަމަށްޓަކައި ހުޅުމީދޫ ގޮފީގެ ހިންގުންތެރި ވެރިންނާއި ބައިވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ޝާޢިރުންގެ ވާދީގެ މުސްތަޝާރު ޝައިޚު ޢަބްދުﷲ ހާނީ ދެއްކެވި ވާހަކަފުޅުގައި މުޅި އަތޮޅު ތަމްސީލުވާގޮތަށް ހުޅުމީދޫގައި ބޭއްވި ޝާޢިރުންގެ ވާދީގެ އަދަބީ ހަފްތާ ފެށުމުގެ ރަސްމިއްޔާތު އެހާ ފުރިހަމަ ވެގެންދިޔައީ ހުޅުމީދޫ ގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމުގެ ބޮޑުކަމުން ކަމަށް ވިދާޅުވެ އެކަމަށްޓަކައި މި ޙަރަކާތުގައި ޝާމިލުވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ދިވެހިންގެ ޘަޤާފަތާ އެއްގޮތަށް ތައްޔާރު ކުރެވިފައިވާ މެންދުރު ކެއުމަކަށް އިންސާފު ކުރުން އޮތެވެ. އައްޑޫގެ ޒާތްޒާތުގެ ބުއިންތަކާއި ފަލަމަޑީގެ ބާވަތްތަކާއި ފަތްޕިލާވެލީގެ އުފެއްދުންތަކާއި ކަނޑު މަހުގެ އެކި ބާވަތްތައް މިކެއުމާއެކު ހިމެނިފައިވެއެވެ.
ރަސްމިއްޔާތުގެ ތެރޭ ބައިތުބާޒީ ކުރުމާއި ޅެން ކިއުމާއި ލަވަހުށަހެޅުންފަދަ އަދަބީ ޙަރަކާތްތައް ހަވީރު 6 ޖަހަންދެން ކުރިއަށް ދިޔައެވެ. މީދޫގެ ހިތްގައިމު އަތިރިމަތީ ހަދާފައިވާ ރާފަޅާ މައިދާނަކީ ގިނަ ބަޔަކު ހިތްހަމަ ޖައްސާލުމަށްޓަކައި ގޮސް ތިބޭ ތަނަކަށްވެފައި އެތަނުގައިވަނީ ފޮތް ކިޔޭނެ އިންތިޒާމް ވެސް ހަމަޖައްސާފައެވެ.
ރަސްމިއްޔާތުގެ ތެރޭ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ހަމައެއާއެކު ޝާޢިރުންގެ ވާދީން އުފެއްދި 2 ފޮތް އިފްތިތާޙު ކުރުންވެސް މި ރަސްމިއްޔާތާއެކު ބާއްވާފައިވެއެވެ.
ޝާޢިރުންގެ ވާދީގެ އަދަބީ ހަފްތާ ގައި ރޭ އޮތީ އޮންލައިން ކޮށް ބޭއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރޭ ލިޔުންތެރި ކަމާއި ވާހަކަ ދެއްކުންތެރި ކަމާއި މަޢުލޫމާތު ދިނުމާއ ދިވެހި ބަހުން ކުށް ބަސް ނުލައި ވާހަކަ ދައްކަން ބުނެ ދިނުން އޮތެވެ. މިސެޝަން ނަންގަވައި ދެއްވީ ދިވެހި އަދަބިއްޔާތާއި ޅެންވެރިކަމުގެ ރޮނގުން ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އައްޑަނަ ޙާޞިލް ކުރައްވާފައިވާ ދެބޭފުޅުން ކަމަށްވާ އުސްތާޛު ޙަސަން ލަބީބާއި، އުސްތާޛު ޢަބްދުﷲ ޢަފީފެވެ. މި ޕްރޮގްރާމްގެ ތެރޭ ބައިވެރިންގެ މެދުގައި ކުރުވާހަކަ ކިއުމާއި ، ކުއްލި މައުޟޫއަށް ވާހަކަ ދެއްކުންފަދަ އަދަބީ ހަރަކާތްތައް ހިމެނިފައިވެއެވެ. މި ޕްރޮގްރާމް ޝާޢިރުންގެ ވާދީގެ ފޭސްބުކް ޕޭޖުން ވަގުތުން ލައިވް ކޮށްފައިވެއެވެ. ރޭ ބޭއްވި ޕްރޮގްރާމުގެ އިތުރުން 28 ވަނަ ދުވަހުގެ ރޭ ޝާޢިރުންގެ ވާދީގެ ކޮމިއުނިޓީ ވައިބާ ގުރޫޕުގައި ޚާއްޞަ ބައިތު ބާޒީއެއް އޮންނާނެ ކަމަށް ޝާޢިރުންގެ ވާދީން މަޢުލޫމާތު ދެއްވައެވެ.