English Edition
Dhivehi Edition
"ބަދަހި މިތުރުން" އޮޅިން ކްލަބް ހައުސްގައި ހިންގި ކޯހުގެ އެދުރުންނާއި ބައިވެރިން

މިހާރަކަށް އައިސް ދިވެހިންގެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ކްލަބްހައުސް ގައި ފުރަތަމަ ފަހަރަށް ޅެން ހަދަން ދަސްކޮށްދޭ ކޯހެއް ހިންގައި ކާމިޔާބުކަމާއެކު އެކޯސް ނިންމާލައިފިއެވެ.

ކްލަބްހައުސްގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ “ބަދަހި މިތުރުން” އޮޅިއާއި ޢީސަ އޮންލައިން ޕޮއެޓްރީ ( އީއޯޕީ ) ، ގުޅިގެން ވަނީ ޅެންވެރިކަމުގެ ހުނަރު ދަސްކޮށްދޭ 2 ކޯހަކާއި ބަނދި ހަދަން ދަސްކޮށްދޭ ކޯހެއް ހިންގާފައެވެ.

“ބަދަހި މިތުރުން”ގެ ފަރާތުން ށ. މިލަންދޫ ، ޖީޒާ ، އިބްރާހިމް މަންސޫރު ކޯޑިނޭޓް ކުރެއްވި މިކޯސް ތަކަކީ ޅެންހަދަން ޝައުޤުވެރިކަންހުރި ކޮންމެ މީހަކަށްވެސް ޅެންވެރިކަމުގެ ހުނަރު ދަސްކޮށްދިނުމާއެކު ދިވެހި އަދަބިއްޔާތަށް ޚިދުމަތްކޮށްދިނުމުގެ މަޤުޞަދުގައި ހިންގި ކޯސްތަކެއްކަމަށް ކޯސް ކޯޑިނޭޓަރ އިބްރާހިމް މަންސޫރު އޭއޯނިއުސްއާއި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

” ބަގީޗާ، ޅެންހަދަން ދަސްކުރާމާ “ގެ ނަމުގައި ހިންގި ފުރަތަމަ ކޯސް ކުރިއަށް ދިޔައީ 2022 ފެބްރުއަރީ 15 އިން މާރޗް 19 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހުގެރޭ 10 ން މެންދަމު 12 އަށް ( 2 ގަޑި އިރު ) ގެ 12 ކްލާސް އަދި ޒޫމް މެދުވެރިކޮށް ބައިވެރިންނަށް 2 ގަޑި އިރުގެ 1 ކްލާސް ނަގައި ދެވުނެވެ. ކްލަބް ހައުސްގައި މިކޯހުގެ އިސްއެދުރެއްގެ ގޮތުގައި ކިޔަވައިދެއްވީ ކުޅުދުއްފުށި ސިޓީ ދުރުމީ، އާދަމް އިބްރާހީމް އެވެ. އެހީތެރިއެއްގެ ގޮތުގައި ކިޔަވައިދެއްވީ، ހއ. ފިއްލަދޫ އަންޑަޕޫލްގޭ، އާދަމް ޚަލީލެވެ.

މިކޯހުގެ ޒޫމް ކްލާސް ނަންގަވައިދެއްވީ، އީއޯޕީގެ ބާނީ، ކުޅަދާނަ ޝާޢިރު ޢީސާ ޝަރީފެވެ. މިކޯހުގައި 20 ބައިވެރިން ބައިވެރިވެ ޢަމަލީ ގޮތުން 12 ބައިވެރިން ސެޓްފިކެޓް ޙާޞިލް ކުރިއެވެ. އޭގެތެރެއިން 2 ބައިވެރިއަކު ޙާޞިލް ކޮށްފައިވަނީ ލެވެލް 1 ގެ ސަނަދެވެ. އަނެއް 10 ބައިވެރިންވަނީ ޅެންހަދަން ދަސްކޮށްދޭ ލެވެލް 1 އަދި ލެވެލް 2 ގެ ސަނަދު ޙާޞިލް ކޮށްފައެވެ.

ކްލަބް ހައުސްގެ އޮޅިއެއްގައި މިހާތަނަށް ޅެންހަދަން ދަސްކޮށް ދިނުމަށް ހިންގުނު ފުރަތަމަ ކޯހަށްފަހު ބަގީޗާ 2 ،ފެށީ 29 ޖޫން 2022 ގައެވެ. ފުރަތަމަ ހިންގީ ބަނދި ހަދަން ދަސްކޮށްދޭ ކޯހެކެވެ. އެކޯސް ހިންގާފައިވަނީ 2022 ޖޫން 29 ން ޖުލައި 20 ގެ ނިޔަލަށެވެ. މި މުއްދަތުގައި ކްލަބް ހައުސްގައި ކިޔަވައިދީފައިވަނީ 2 ގަނޑި އިރުގެ 3 ކްލާހެވެ. މި ކޯހުގައި 10 ބައިވެރިން ބައިވެރިވެ ބަނދި ހަދަން ދަސްކޮށްފައިވެއެވެ. މިކޯހުގައި ވެސް ކިޔަވައިދެއްވީ ކުޅަދާނަ ޅެންވެރިޔާ އާދަމް އިބްރާހީމް ގެ އިތުރުން ޅެންވެރިޔާ އާދަމް ޚަލީލެވެ.

“ބަގީޗާ، ޅެންހަދަން ދަސްކުރަމާ” 2 ގެ ނަމުގައި ބޭއްވި ޅެން ހަދަން ދަސްކޮށްދޭ ކޯހުގެ ދެވަނަ ބުރު ހިންގީ 2022 ޖުލައި 27 އިން 21 ސެޕްޓެމްބަރުގެ ނިޔަލަށެވެ. “ބަގީޗާ ޅެންހަދަން ދަސްކުރަމާ”2 ވަނަ ކޯހުގައި 10 ބައިވެރިން ބައިވެރިވެ 5 ބައިވެރިން، ޅެންހަދަން ދަސްކޮށްދޭ ލެވެލް 1 އަދި ލެވެލް 2 ގެ ސަނަދު ޙާޞިލް ކުރިއެވެ. ޅެން ހަދަން ދަސްކޮށްދޭ ދެ ކޯހުގައިވެސް އީއޯޕީގެ ފަރާތުން ޢީސާ ޝަރީފް ބައިވެރިވެވަޑައިގެން ބައިވެރިންނަށް މަޢުލޫމާތު ޙިއްޞާ ކުރައްވާފައިވެއެވެ. މިކޯސްތަކުގައި ބޭނުންކުރީ އީއޯޕީގެ ފަރާތުން ޅެންހަދަން ދަސްކޮށްދިނުމަށްޓަކައި، ޢީސާ ޝަރީފް ލިޔެ ތައްޔާރު ކުރައްވާފައިވާ ފިލާވަޅުތައް ހިމެނޭ “ލަފުޒުން ކުރެހުން ” މިފޮތާއި ” ވަޒަނާ ނުލައި ޅެމެއް ނުހެދޭނެ” މި ދެފޮތެވެ. އަދި މީގެ އިތުރުން ރިފަރެންސް ގެ ގޮތުގައި ޢީސާ ޝަރީފް ލިޔުއްވާފައިވާ ” ޝާޢިރުންގެ ދުނިޔެ” ކިޔާ ފޮތް ބޭނުންކޮށްފައިވެއެވެ.

ކްލަބް ހައުސް އަކީ ބައިވެރިންނަށް ފޮޓޯ، ލިޔުން ފަދަ ތަކެތި ޙިއްޞާ ކުރަން ފަސޭހަ މަންސަ އަކަށްނުވާތީ، މިކޯސްތައް ހިންގުމަށްޓަކައި ބައިވެރިން ހިމެނޭހެން ބަގީޗާގެ ނަމުގައި ވައިބަރ ކޮމިޔުނިޓީ ގްރޫޕެއް ވަނީ އުފައްދާފައެވެ. ބައިވެރިންނާ ޙިއްޞާ ކުރަންޖެހޭ ފިލާވަޅުތަކާއި ބައިވެރިންގެ އުފެއްދުންތައް ( ބައިތު، ޅެން، ބަނދި ފަދަ ތަކެތި) ޙިއްޞާކުރަމުން ގެންދިޔައީ މި ވައިބަރ ގްރޫޕްގައެވެ.

ބަދަހި މިތުރުން އޮޅީގައި ބާއްވާ މިފަދަ ކޯހެއްގައި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުން ކޯސް ކޯޑިނޭޓަރ އިބްރާހީމް މަންސޫރުގެ ފޯނު ނަންބަރު 9322477 އާއި ގުޅުއްވައިގެން ނަން ނޯޓް ކުރެއްވުމުގެ ފުރުޞަތު އެއޮޅިން ވަނީ ހުޅުވާލާފައެވެ. މިއީ މުޅިން ހިލޭ ސާބަހަށް ހިންގާ ކޯސްތަކެކެވެ.