ޅެންވެރިކަން ކުރިއަރުވާ އެރޮނގުން މީހުން ބިނާ ކުރުމުގެ މަޤްސަދުގައި ރާއްޖޭގައި ޅެންވެރިންގެ ޖަމްޢިއްޔާއެއް ރަޖިސްޓްރީ ކޮށްފިއެވެ. ޝާޢިރުންގެ ވާދީގެ ނަމުގައި ޖެނުއަރީ 11 ގައި ރަޖިސްޓްރީކުރި މި ޖަމްޢިއްޔާގެ އިފްތިތާޙީ ޖަލްސާ އޮންނާނީ ރާއްޖޭގެ ޅެންވެރިންގެ ދުވަސްކަމަށްވާ ޖެނުއަރީ 15 ވަނަ ދުވަހުއެވެ. ޝާޢިރުންގެ ވާދީގެ މީޑިއާ ޕާޓްނަރ އޭއޯ ނިއުސްގެ ފޭސް ބުކް ޕޭޖުން ލައިވް ސްޓްރީމް ކުރާ މި ޖަލްސާ އޮންނާނީ އެދުވަހު ހަވީރު 4 ޖަހާއިރުއެވެ.
ޝާޢިރުންގެ ވާދީއަކީ އައްޑޫސިޓީގެ 4 ޅެންވެރިން ކަމަށްވާ ޙަސަން ލަބީބު،އަޙުމަދު ނާސިރު،ޢަބްދުއްރައްޒާޤު،އަދި ޝަމްސުއްނިސާ މުޙައްމަދު ގެ މަސްއޫލުވެރިކަމުގެ ދަށުގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމްޢިއްޔާ އެކެވެ. މި ޖަމްޢިއްޔާގެ ހިންގާ ކޮމިޓީވެސް މިވަގުތު އެކުލަވާ ލާފައިވާއިރު ޖަމްޢިއްޔާގެ ރައީސަކީ ޙަސަން ލަބީބެވެ. ނައިބް ރައީސަކީ ޝަމްސުއްނިސާ މުޙައްމަދެވެ. ޚާއްސަ މުޝީރުންގެ ގޮތުގައި ގދ.ތިނަދޫ އަލިދޯދި ޢަބްދުﷲ ޢަފީފާއި މީދޫ ދާރުލްއަމާން ޢަބްދުﷲ ހާނީ ހުންނަވާއިރު ހިންގާ ކޮމިޓީގެ އިތުރު މަޤާމް ތަކުގެ ތެރޭގައި އަމީން ޢާއްމު، ޚަޒާންދާރު ، މީޑިއާ ކޯޑިނޭޓަރ،އިންތިޒާމް ސެކްރެޓަރީ، އަދި މިއިން ކޮންމެ މަޤާމެއްގެ ނައިބުންނާއި އިތުރު މެންބަރުންގެ ގޮތުގައި 5 މެންބަރުންނާއި އެކު ޖުމްލަ 17 މެންބަރުން ހިމެނެއެވެ.
މިޖަމްޢިއްޔާގެ ރައީސް ޙަސަން ލަބީބު ވިދާޅުވީ ޝާޢިރުންގެ ވާދީއަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ދިވެހި އަދަބިއްޔާތު ކުރިއެރުވުމާއެކު ވަކިން ޚާއްސަކޮށް އަދަބިއްޔާތުގެ ތެރޭ ހިމެނޭ ޅެންވެރިކަމުގެ ފަންނަށް މީހުން އަހުލު ވެރިކޮށް ކުޅަދާނަ އާ ޅެންވެރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ހިންގާ ޖަމްޢިއްޔާއެއް ކަމަށެވެ.
” މި ޖަމްޢިއްޔާ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހެދި ފޯދޭނެ. ޖަމްޢިއްޔާގެ ގޮފިތައް އެތަންތާ ޤާއިމްވެ މުސްތަޤްބަލުގަ އެގޮފިތަކުން ގިނަ ޙަރަކާތްތަކެއް ހިންގަމުންދާނެ. ” ޙަސަން ލަބީބު ވިދާޅުވިއެވެ.
ޝާޢިރުންގެ ވާދީ އުފެދިގެން އައީ 2020 ވަނަ އަހަރުގެ ތެރޭ އުފަންވި ޚިޔާލަކާއެކު އުފެއްދި ވައިބަރ ގްރޫޕެއްގެ ތެރެއިންނެވެ. މިހާރުވެސް ވައިބަރ ގްރޫޕް ކާމިޔާބު ކަމާއެކު ޙަރަކާތްތެރިވަމުންދާއިރު މި ގްރޫޕްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ ޅެންވެރިންނާއި އެކަމަށް ޝައުޤު ވެރިވާ މީހުން ތިބެ ޅެންވެރިކަމާއި ގުޅޭ ލަވަ، ރައިވަރު، ޅެން ، ބަނދިފަދަ ހުށަހެޅުންތައް ކޮންމެ ދުވަހަކުވެސް ހުށަހަޅަމުން ދެއެވެ. މީގެ އިތުރުން އެގްރޫޕްގެ މެންބަރުންގެ މެދުގައި ކޮންމެ މަހަކު އަގުހުރި އިނާމް ލިބޭ ޚާއްސަ މުބާރާތްތައް ދަނީ ބާއްވަމުންނެވެ. ޝާޢިރުންގެ ވާދީގެ ނަމުގައި ހިނގާ ފޭސްބުކް ޕޭޖުގައިވެސް ޅެންވެރިންގެ ހުށަހެޅުންތައް ކޮންމެ މީހަކަށް ވެސް ބަލާލެވޭގޮތަށް ހިމަނަމުން ދެއެވެ.