ދުނިޔެއަށް މިހާރު ކުރިމަތިވަމުންދާ ކާރިޘާތަކުން އަންގައިދެނީ މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅު އެޅުމުގެ ވަގުތު ކުޑަތަންވެއްޖެކަން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދާ ހައިލެވެލް މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނސްޓަރ ތޯރިގް ވިދާޅުވީ ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށް މިހާރަށްވުރެ ހަލުވި ދުވެއްޔެއް ބޭނުންވާކަމަށެވެ . އަދި ދުނިޔޭގެ ގައުމުތަކުން ގުޅިގެން ކުރެވުނު މަސައްކަތުން އޯޒޯން ފަށަލައިގެ ހާލަތް ރަނގަޅުވަމުން އަންނަކަން ދިރާސާތަކުން ދައްކާ ކަމަށާއި އެއީ ދުނިޔެއަށް މިއަދު ދިމާވެފައިވާ ތިމާވެށީގެ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރަމުން ގެންދާ ތަފާތު އެކި މަސައްކަތްތަކަށް އޮތް ދިރިހުރި އަދި ނަމޫނާ މިސާލެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ މިދިޔަ ހަފްތާގައި އެޓްލާންޓިކްގައި ހިނގާދިޔަ ތޫފާނުގެ ކާރިސާއަށް އަލިއަޅުއްވާލައްވާފައެވެ. އެ ކާރިޘާގައި ގެއްލުންވި ޤައުމުތަކާއި އެޤައުމުތަކަށް ލިބުނު ހިތާމައިގައި ދިވެހިން ބައިވެރިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިބައްދަލުވުމުގެ ހަވާސާގައި، މިނިސްޓަރު ޠާރިޤް ވަނީ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އެޤައުމުގެ ތިމާވެއްޓާބެހޭ ވަޒީރު ކެތަރިން މެކީނާ އާއި ބައްދަލުކުރައްވާފައެވެ. ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އެޤައުމުގެ ތިމާވެއްޓާބެހޭ ވަޒީރު ކެތަރިން މެކީނާ ވަނީ، ތިމާވެށި ރައްކާތެރިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކުގެ ދާއިރާގައި ރާއްޖޭގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.