އަހަރެމެންގެ ވަށައިގެން ވާ ތިމާވެށި ހިމާޔަތް ކުރުމުގެ ވާހަކައަކީ ގިނަ ބަޔަކު ދައްކާ ވާހަކަ އެކެވެ. ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި، މީހުން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ދުވަސްތައް ފާހަގަ ކުރެއެވެ. އަދި އެކިއެކި ޖަމާއަތްތަކާއި ޕްލެޓްފޯމް ތަކުގައި އެވާހަކަތައް ދައްކާ، ބައްދަލުވުންތަކުގައި ތިމާވެށި ހިމާޔަތްކުރުމަށް މުއާހަދާތައް އެކުލަވާލަ އެވެ. ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރާއިރު، އަހަރެމެންނަށް ރަށު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ބައެއް ކަންތައްތައް ކުރެވިދާނެ އެވެ.
ތިމާވެށި ހިމާޔަތްކުރުމަކީޤައުމެއް ނުވަތަ ރަށެއް ނުވަތަ ވަކި ޚާއްޞަ ތަނެއް ކުރިއެރުމަށް ވަރަށް މުހިންމު ކަމެކެވެ. ތިމާވެއްޓަކީ އަހަރެމެންގެ ވަށައިގެންވާ މާހައުލަށްވެފައި، ތިމާވެށި ހިމާޔަތް ކުރުމަކީ ރަށުގެ އެންމެންގެ ނުވަތަ އެތަނެއްގައި އުޅޭ އެންމެންގެ ޒިންމާއެކެވެ. އެއީ އެންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ރަނގަޅު ތިމާވެއްޓެއްގެ ސަބަބުން އަހަރެމެންނަށް ވަރަށް ގިނަ ނުސީދާ ފައިދާތައް ކުރެއެވެ. އަދި ރަނގަޅު ތިމާވެއްޓެއް ނެތްނަމަ ގިނަގުނަ ގެއްލުންތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ. ޖަމާއަތެއް ކުރިއަރައި ދިއުމަށްޓަކައި އެބައިމީހުންނަކީ ރަނގަޅު ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ ބަޔަކަށް ވާންޖެހޭނެ އެވެ.
އަހަރެމެން ނޭވާލާން ބޭނުންކުރާ ވަޔަކީ ސާފު އެއްޗަކަށް ވާންޖެހެވެ. މިވައި ސާފުކުރެވޭނީ ގަސްގަހާގެހި އިތުރުކޮށްގެންކަމާމެދު ޝައްކެއްނެތެވެ. ރަށްރަށުގެ އާބާދީ ބޮޑުވަމުން ދިއުމުގެ ސަބަބުން އުކާލެވޭ ކުނި ގިނަވެއެވެ. އަދި މަގުމައްޗަށް ކުނިއެޅުންވެސް އާއްމު ވެއެވެ. ގިނަމީހުން ބޭކާރު ތަކެތި އެއްލާލަނީ މަގުމައްޗަށެވެ. މީގެ ސަބަބުން ރަށުގައި ނުބައި ވަސް ފެތުރި އަދި ބަލިތައް ފެތުރެއެވެ. މަގުމަތީގައި ކުނި ގިނަވުމުން ހިނގާ ބިނގާވެ އުޅޭމީހުންނަށް ވަރަށް އުނދަގޫވެއެވެ. ރީތިވެގެން ހަވީރު ފިންޏަށް ނުކުންނަ މީހާ ނުވަތަ އޮފީހަށް ދާން ހިނގާފައިދާ މީހާއަށް ނޭނގި އެތަކެއްޗަށް އެރި އަނބުރާ ގެޔަށް ދާންޖެހިފައި އެބަހުއްޓެވެ. އަނެއްބައި ފަހަރު ބައިސްކަލު ނުވަތަ ސައިކަލުގައި ދުއްވާފައިދާ މީހާއަށް، އެއްލާލައިފައި އޮންނަ ފުޅިއަކަށް ނުވަތަ ދަޅަކަށް އެރި ނުރައްކާތެރި އެކްސިޑެންޓާ ކުރިމަތިވެފައި އެބަހުއްޓެވެ. މިފަދަ ވިޔާނުދާ އާދަ ތަކުން ދުރުވަމާތޯއެވެ.
އުކާލެވޭ ކުންޏާއި އަންދާ ކުނީގެ ސަބަބުން ޖައްވަށް ވިހަ ގޭސް ތަކެއް ފެތުރިގެން ދެއެވެ. މިގޭސްތަކުގެ ސަބަބުންވެސް ވަރަށް ގިނަ ގެއްލުންތައް ވެއެވެ. ބަލިތައް ފެތުރެއެވެ. ނޭވާލުމަށްވެސް އުނދަގޫވެއެވެ. މިގޭސްތަކުގެ ސަބަބުން ދުނިޔެ ވަނީ ވަރަށް ބޮޑުތަން ހޫނު ގަދަވެފައެވެ. އެއީ ދުނިޔޭގެ ޖައްވުގައި ގްރީން ހައުސް ގޭސްތަ އިތުރުވަމުން ދާތީއެވެ. ދުނިޔެ ވަށައިގެންވާ އޯޒޯން ފަށަލަ ވަނީ މިގޭސް ތަކުގެ ސަބަބުން ތުނިވެ ހަލާކުވާން ކައިރިވެފައެވެ. މި އޯޒޯން ފަށަލައަކީ އިރުގެ ނުރައްކާތެރި އަލްޓްރާވައިލެޓް އަލި ތަކުގެ ސަބަބުން ދުނިޔެ ރައްކާތެރިކޮށްދޭ ފަށަލައެކެވެ. އެހެންވީމާ މިގޭސްތަކަކީ ތިމާވެއްޓަށް ވަރަށް ނުރައްކާތެރި ގޭސް ތަކެކެވެ. ތިމާވެށި ރައްކާތެރި ކުރުމަށް ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގެ ފެކްޓްރީތަކުން ބޭރުކުރާ ދުން މަދުކުރެވޭތޯ ބަލަންޖެހެއެވެ. ސޮއި ކޮށްފައިވާ މުއާހަދާތަކަށް އަމަލު ކުރާކަން އަމަލީގޮތުން ދައްކަން ޖެހެއެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ދާއިރާ އެވެ. ނަމަވެސް ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުނެ ފަތުރުވެރިކަން ދަށަށް ދިއުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. އަހަރެމެންގެ ތިމާވެށި ހަލާކުވެ ރީތި ގޮނޑުދޮށްތައް ގޮނޑުތަކަކަށް ވެއްޖެނަމަ އަޅުގަންޑުމެންގެ ސިނާޢީ މައި ދޮރާށި ބަންދުވާނެއެވެ. ފަތުރުވެރިން ރާއްޖެ އިޚްތިޔާރުކުރުން ހުއްޓާލާނެއެވެ. ރާއްޖެއަކީ އެފަދަ ދެވަނައެއް ނެތް ފަރުތަކާއި ދޮންވެލި ގޮނޑުދޮށްތަކުގެ ލާމަސީލު ނަމޫނާއެކެވެ. ފަރުތައް ރީތިވުމާއި ރީތި ދޮންވެލި ގޮނޑުދޮށާއި ރާއްޖޭގެ ވައި ސާފު ވުމަކީ ފަތުރުވެރިން ރާއްޖެ އިޚްތިޔާރުކުރާ ސަބަބު ތަކެވެ. ފަތުރުވެރިގެ ވާހަކަ ދައްކާއިރު، އެމީހުންގެ ފަރާތުން މަދުންނަމަވެސް ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ވާހަކަ ވެސް ދެއްކި ދާނެއެވެ. އެކި ގައުމުތަކުން އަންނަ ފަތުރުވެރިން ތިމާވެއްޓަށް ގެއްލުން ވާނެފަދަ ކަންތައްތައް ކުރެ އެވެ. އެމީހުން މޫދަށް ފައިބާ އުޅޭއިރު ފަރުތަކުގައި ހުންނަ މުރަކަ ތަކުގައި އަތްލާ، އެ ތަކެތި ނައްޓާ ހަދާތަން ފެނެއެވެ. ނަމަވެސް ރާއްޖޭގައި ތިމާވެއްޓާބެހޭ ގާނޫނު ހެދިފައި އޮންނަ ގޮތުން މިފަދަ އަމަލުތައް ފެންނީ ވަރަށް މަދުންނެވެ.
ތިމާވެށި ހިމާޔަތް ކުރުމުގެ ވާހަކައަކީ އާވާހަކައެއް ނޫނެވެ. ހިތާމައަކީ އަމަލީ މަސައްކަތް ނުފެންނާތީއެވެ. ވަކިން ޚާއްސަ ބަޔަކު ނުކުރަނީއެއް ނޫނެވެ. އަޅުގަނޑުގެ އަމިއްލަ ނަފްސުވެސް މިކަމުގައި ޝާމިލް ކުރަމެވެ. މިފަދަ ލިޔުމަކުން ނުވަތަ ހަމައެކަނި އެކަމުގެ ވާހަކަ ދެއްކުމަކުން ނަތީޖާއެއް ނުފެންނާނެއެވެ. އަދި އަހަރެމެންގެ ތިމާވެށި ސަލާމަތް ކުރުމަށް އެހެންބަޔަކު ނާންނާނެކަން ޔަގީނެވެއެވެ. އެކަން ކުރަން ތިބީ ހަމަ އަހަރެމެންނެވެ. އެހެންވީމާ އެންމެންގެ އެއްބާރުލުމާއެކު ތިމާވެށި ހިމާޔަތް ކުރުމަށް އަތްތައް ގުޅާލަމާހެވެ.