English Edition
Dhivehi Edition
ކ. ތަނބުރުދޫ - ފޮޓޯ: ދި އެޑިޝަން

ހިމާޔަތްކޮށްފައިވާ ސަރަޙައްދެއް ކަމުގައިވާ ކ. ތަނބުރުދޫ ތިލައިގެ ޒޮނޭޝަން މުރާޖަޢާކޮށް، ތަނބުރުދޫ ހިމެނޭގޮތަށް ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި އެ ސަރަޙައްދު ކަނޑައަޅުއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމަށްފަހު ވަޒީރުންގެ ލަފާގެ މަތިންނެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް މަޝްވަރާކުރެއްވުމަށްފަހު ހިމާޔަތްކުރެއްވުމަށް ނިންމެވި ސަރަޙައްދަކީ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިފައިވާ ސަރަޙައްދެކެވެ. މި ސަރަޙައްދު ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުއްވި މައިގަނޑު މަޤްޞަދަކީ، ކ. ތަނބުރުދުއާއި އެ ރަށް ވަށައިގެންވާ މާޙައުލަކީ ވެސް ޤުދުރަތީ އަދި ތަބީޢީ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދެއްކަމުގައި ވާތީއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މި ސަރަޙައްދުގެ ޚާއްޞަ ސިފަތަކުގެ މައްޗަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިން ތައްޔާރުކޮށްފައިވާ ޓެކްނިކަލް ސާވޭ ރިޕޯޓަށާއި، އަދި މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަންއިން ތައްޔާރުކޮށްފައިވާ “ކ. ތަނބުރުދޫ ޤުދުރަތީ އާސާރެއް،” މި ކަރުދާހުގެ މައްޗަށް ބައްލަވާފައިވެއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން ބޮޑުތިލަދުންމަތީގެ 14 ސަރަޙައްދަކާއި، އައްޑޫ ސިޓީގެ ހަތަރު ސަރަޙައްދަކާއި، ފުވައްމުލައް ސިޓީގެ އެއް ސަރަޙައްދު، އަދި ފާދިއްޕޮޅުގެ ފަސް ސަރަޙައްދެއް (ޖުމްލަ 24 ސަރަޙައްދު) މިހާތަނަށް ވަނީ ހިމާޔަތްކޮށްފައިވެއެވެ. މީގެ އިތުރުން ތިމާވެށީގެ ޤާނޫނުގެ ދަށުން މާލެ އަތޮޅު އުތުރު އަދި ދެކުނު ހިމެނޭގޮތަށް 11 ސަރަޙައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ނުވަ ޑައިވް ސައިޓަކާއި، ކ. ރަސްފަރިއާއި ކ. ހުރާގެ ކަނޑޫފާ ސަރަޙައްދެވެ.