ގުޅީފަޅު ހިއްކުން ހުއްޓުވިމައްސަލަ އިސްތިއުނާފު ކުރަން ނިންމާފައިވާކަމާށް ބަންޑާރަނައިބު އަހުމަދު އުސާމް ވިދާޅުވެއްޖެއެވެ.
ތިމާވެއްޓަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުވާކަމަށް ބުނެ އަމިއްލަ މީހަކު ހުށަހެޅި މައްސަލައެއްގައި ބުދަ ދުވަހު ހައިކޯޓުން ވަގުތީ އަމުރެއް ނެރި ވަނީ ގުޅީފަޅު ހިއްކުން ހުއްޓާލުމަށް އަމުރުކޮށްފައެވެ.
މިމައްސަލައިގައި އުޝާމް ވިދާޅުވީ, ގުޅިފަޅު ޕްރޮޖެކްޓަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއްކަމަށެވެ. އަދި ގުޅިފަޅު ބިން ހިއްކުމުގެ %80 ވަރު މިހާރު ނިމިފައިވާއިރު، މިމަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެކަމަށެވެ.
“ދައުލަތުގެ ފަރާތުން މިނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މިހާރު ވާނީ ނިންމާފަ,” -ބަންޑާރަ ނައިބު-
މި މައްސަލަ އެންމެ ފުރަތަމަ ސިވިލްކޯޓަށް ހުށަހެޅުމުން ވަނީ މައްސަލަ ނިމެންދެން ވަގުތީ އަމުރެއް ނެރެދޭނެތަނެއް ނެތްކަމަށް ބުނެފައެވެ. ނަމަވެސް ހައިކޯޓުން މިއަދު ވަނީ މައްސަލަ ނިމެންދެން ބިންހިއްކުން ހުއްޓާލަން އަމުރުކޮށްފައެވެ.
ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއެވެ. ގުޅީފަޅުގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކާފައިވަނީވެސް އެކުންފުނިންނެވެ. ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގައި ގުޅީފަޅު ހިމެނޭ ސަރަޙައްދުން 192 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ، 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާއަށެވެ.
ގުޅީފަޅު ހިއްކުން ހައިކޯޓުން ހުއްޓުވީއިރު، އެ ފަޅުން 100 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ވަނީ ހިއްކައި ނިންމައިފައެވެ. ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ނިންމާފައި އޮތީ ގުޅީފަޅު ހިއްކަން 24 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅަން ކަމަށެވެ. ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ އިތުރު 21 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދު ހިއްކައި، 85 ހެކްޓަރުގެ ބިން ގުޅީފަޅަށް އިތުރު ކުރަން ކަމަށެވެ.
ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމް ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ.